ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރި ނެޓްވޯކެއްގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ދެ މީހަކު އަލުން ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގައި އެ ނެޓްވޯކުން ލިބުނު ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކޮށްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، ކަރަންކާވިލާ، އަހްމަދު ނިއުޝާދު، 34، އަދި ޏ. ފުވައްމުލައް، ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް، 29، އެވެ. އެ މައްސަލައިގައި ދައުވާކުރި ނަމަވެސް ދާދިފަހުން އެމީހުން ވަނީ ބަންދުން ދޫކޮށްލާފަ އެވެ.
ފުލުހުން ބުނީ އެ ދެ މީހުން އަލުން ހައްޔަރުކުރީ ދައުވާ އުފުލާފައިވާ މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ ކަމަށެވެ.
އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާގެ އިތުރުން ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުުގެ ދައުވާ އެވެ.
ދައުލަތުގެ ފަރާތުން ވަނީ މި ދެ މީހުންގެ އަތުން 1.19 މިލިޔަން ރުފިޔާ އާއި ހަތަރު ސައިކަލަކާއި ފަސް ކާރަކާއި ދެ ޕިކަޕަކާއި ކަނޑު އުޅަނދަކާއި 29 ސަންކޮނުއާ ގުރާގެ އިތުރުން ނުވަ ރިންގްނެކް ގުރާ ނަގައިދިނުމަށް ދައުވާގައި އެދިފަ އެވެ.
ޕީޖީ އޮފީހުން ކުރިން ބުނީ ފުވައްމުލަކުގެ ދޫޑިގަން، ގަސްދޮށުގެ ބަލައި ފާސްކުރިކުރުމުން ފެނުނު މަސްތުވާތަކެއްޗާ ގުޅިގެން، ނިއުޝާދާއި އާޒިމްގެ ބޭންކް ސްޓޭޓްމަންޓްތައް ބަލައި ދިރާސާކުރުމުން، އެކި އެކި ފަރާތްތަކުން ކުދި އަދަދުތަކުން ފޮނުވާ ފައިސާ ގަނޑުކޮށް އެ ދެ މީހުންގެ އެކައުންޓަށް ޖަމާވެފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ މިކަން އިތުރަށް ތަހްގީގުކޮށް ބެލިބެލުމުން އާޒިމް އިސްވެހުރެ ނިއުޝާދާ އެކު މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމްކޮށް އެކި ފެންވަރުގައި އެކި މިންވަރަށް އެ ތަކެތިން މުއާމަލާތުކުރުމުގައި ހަރަކާތްތެރިވި ކަމަށާއި، އެކި ޑީލަރުންނަށް މުސާރަ ދީގެން ވަކި ތަރުތީބެއްގެ ތެރެއިން 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް މި ނެޓްވޯކް ހިންގިކަން ފާހަގަކުރެވުނު ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ ބުންޏެވެ.
އަދި ޖުލައި 2019 އިން ފެށިގެން 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހާ ދެމެދު ދެ މީހުންގެ އެކައުންޓުން ޖުމްލަ 28 މިލިޔަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަން ފުލުހުންގެ ތަހްގީގަށް ފާހަގަކުރެވުނު ކަމުގައި ވެސް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ.








