ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ސުވާލު ގާނޫނުއަސާސީއާ ހިލާފުކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މިއަދު މެންދުރު 12:45އަށް ތާވަލުކޮށްފިއެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިމަހުގެ 26 ވަނަ ދުވަހު ފަށައި ހަމަ އެ ދުވަހު ވަނީ ނިންމާލާފައެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމް ހުށަހެޅުއްވި މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ވޯޓުގައި އަހަން ކަނޑައަޅާފައިވާ ސުވާލު ފަރުމާކޮށްފައިވަނީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލުތައް ރައްޔިތުންނަށް ވަންހަނާވާ ގޮތަށް ކަމަށެވެ. އެގޮތުން، އެ ބިލުން މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރުކުރާކަން ސުވާލުން ސާފުނުވާތީއާއި، ހަމައެކަނި ބިލު ތަސްދީގުކުރަން ފެނޭތޯ އެހުމަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ރޫހާ ހިލާފު ކަމެއްކަމަށް އެ ފަރާތުން ވަނީ ވަކާލާތުކޮށްފައެވެ.
މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި، ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ.








