ރައީސް ޑރ. މުޙައްމަދު މުޢިއްޒު، "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" މިއަދު އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މި އޮފީހަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމު ކުރެއްވި އޮފީހެއް ކަމަށެވެ.
މި އޮފީސް ގާއިމު ކުރައްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ، މި އަހަރުގެ ރިޔާސީ ބަޔާން، ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު އެވެ.
މި ބިއުރޯގެ މަސައްކަތްތައް ޢަމަލީ ގޮތުން ފެށޭނީ މި އަހަރުގެ މެދު ތެރޭގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. މި ބިއުރޯގެ މަސައްކަތްތައް ފެށުމަށްޓަކައި ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތަކާއި، އެ ބިއުރޯއަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
"ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"ގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމެވެ. މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.








