އެމްޓީސީސީން ކުރިއަށްގެންދާ މާލޭ ޓެކްސީ ލައިންގެ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދޭނެ ވެބްސައިޓެއް ތަޢާރަފުކޮށް، އެ ޚިދުމަތުން އަގުނަގަން ފަށައިފިއެވެ.
ރޭ ދަންވަރު "އެކްސް" ގައި އެމްޓީސީސީން އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، އަލަށް ތަޢާރަފުކުރި ވެބްސައިޓް (http://mtl.mtcc.mv) މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު ވަރަށް ފަސޭހައިން ޓެކްސީ ބުކްކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ. އެގޮތުން ވެބްސައިޓުގައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށްގެން، ދަތުރުތައް ބުކްކުރުމާއި ފައިސާ ދެއްކުމުގެ މަރުޙަލާތައް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ނިންމާލެވޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އޮންލައިންކޮށް ވެބްސައިޓް މެދުވެރިކޮށް ޓެކްސީއަށް އެދުމުގެ އިތުރުން، މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް އާންމުންނަށް ޓެކްސީ ބުކް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.







