ބޭނުންފުޅުވަނީ ސިޔާސީ މަގާމުތަކުގެ އަދަދު ވީ އެންމެ މަދުކުރަން ކަމަށާއި ކުންފުނިތަކުން ވެސް 33 އިންސައްތަ މުވައްޒަފުން މަދުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އައްޔަންކޮށްފައި ތިބި ސިޔާސީ މުވައްޒަފުންގެ ތެރެއިން ޕާފޯމަންސްއަށް ބެލުމަށް ފަހު، ވީ އެންމެ ގިނަ މުވައްޒަފުންނެއް ކަނޑާލަން ނިންމާފައިވާ ކަމަށެވެ.
އެކަމަކު، އެކަން ކުރާނީ ވަކި އަދަދެއް ހަމަކުރަން ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ވަކި އަދަދެއް ހަމަކުރުމުގެ ބަދަލުގައި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް (ޕާފޯމަންސަށް) ބެލުމަށްފަހުގައި ކަމަށެވެ. އަދި މީގެ ފަހުން ކުންފުނިތަކަށް މުވައްޒަފުން ނަގާނީ ހަމައެކަނި އިއުލާނުކޮށްގެން ކަމަށާއި، ސިޔާސީ ނުފޫޒުން އެއްވެސް މީހަކަށް ކުންފުނިތަކުން ވަޒީފާ ނުދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
"ސަރުކާރުގެ ޕޮލިޓިކަލް މަގާމުތަކުގައި އެ ކަހަލަ ޕަސެންޓޭޖެއް އޮތީއަކީ ނޫން. އެކަމަކު ހަމަ [ޓާގެޓަކީ] ވީ އެންމެ ކުޑައެއް ކުރުން، ޕާފޯމަންސް ބޭސްޑްކޮށް ބަލާފައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ކުންފުނިތަކަށް މުވައްޒަފުން ނަގަން ވާނީ އިއުލާނުކޮށްގެން ކަމަށެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރެއްވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެކަން ކުރައްވާނީ ކޮންމެހެން ކުރަންޖެހޭ ހާލަތްތަކުގައި، ތައުލީމާއި ތަޖުރިބާއަށް ރިއާޔަތްކުރައްވައިގެން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ސްޓޭޓް މިނިސްޓަރުންނަށް މާސްޓާސް ޑިގްރީ އަދި ޑެޕިއުޓީ މިނިސްޓަރުންނަށް ފުރަތަމަ ޑިގްރީއެއް އޮތުން ލާޒިމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.








