އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ގަޕޯ ވިދާޅުވީ ޗެއާޕާސަން އިންތިހާބާއި ގައުމީ މަޖިލިސް އިންތިހާބު މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ގަޕޯ ފާހަގަ ކުރެއްވީ ދެ އިންތިހާބު ބާއްވަން ފައިސާ ނެތުމެވެ.
އެގޮތުން، ދައުލަތުގެ ބަޖެޓުން އެ ޕާޓީއަށް ލިބެން ޖެހޭ ފައިސާ އަދިވެސް ލިބިފައި ނުވާ ކަމަށް ގަޕޯ ވިދާޅުވި އެވެ.
އިންތިހާބު ފަސްކުރުމުގެ އިތުރުން، ޕާޓީ ހިންގުމަށް އިސް ފަރާތްތަކުން މަޝްވަރާކޮށްގެން ވަގުތީ އިންތިޒާމެއްގެ ދަށުން ކުރިއަށް ދިއުމަށް ވެސް ގަޕޯ ވަނީ ހުށަހަޅުއްވައިފަ އެވެ. އަދި އެކަން ގައުމީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށް ގަޕޯ އެދިވަޑައިގެންނެވި އެވެ.
ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމާއި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. ނަމަވެސް މީގެ ކުރިން އެ މަގާމަށް ވާދަކުރައްވާނެކަން ހަމަކުރެއްވި އަލްހާން ފަހުމީ މިހާރު ވަނީ ވާދަނުކުރައްވާނެކަން ހާމަކުރައްވައިފައެވެ.








