އަލަށް އިންތިޚާބުވި ލޯކަލް ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދާނެގޮތުގެ އުސޫލު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކޮށްފިއެވެ.
މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި ރަސްމިއްޔާތުތައް އިންތިޒާމުކުރަންވާނީ ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެރިވެވޭނެ ފަދަ ގޮތަކަށް ކަމަށް އެލްޖީއޭގެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މިކަން އާންމުކޮށް އިއުލާނުކުރުމަށާއި، ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ރަސްމިއްޔާތުގެ ދައުވަތު އެރުވުމަށް ވަނީ އަންގާފައެވެ.
މި އުސޫލުގައިވާ ގޮތުން، ރަށުގައި ފަނޑިޔާރަކު ނެތް ޙާލަތްތަކުގައި ނުވަތަ ފަނޑިޔާރަކު ގެނެވެން ނެތްނަމަ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްވެސް ހުވާލައިދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ. ނަމަވެސް އޮންލައިންކޮށް މިކަން ކުރިއަށްގެންދާނަމަ، މަދުވެގެން އެއް ދުވަސް ކުރިން ފަނޑިޔާރަށް އެކަން އަންގަންޖެހޭނެކަމަށް އުސޫލުގައިވެއެވެ. އަދި މި ރަސްމިއްޔާތުގައި ބައިވެރިވާ ހުރިހާ ކައުންސިލަރުންވެސް ތިބެންވާނީ ރަސްމީ ކޯޓު ފަޓުލޫނު ނުވަތަ ކަނޑައެޅިފައިވާ ޤައުމީ ހެދުމެއްގައެވެ.
މީގެ އިތުރުން، ރަސްމިއްޔާތުގެ ފޮޓޯއާއި ވީޑިއޯ މީޑިއާތަކާ ހިއްސާކުރުމަށް އަންގާފައިވާއިރު، ރަސްމިއްޔާތު ނިމޭތާ ގިނަވެގެން ތިން ގަޑިއިރުގެ ތެރޭގައި "މަގޭ ކައުންސިލް" ޕޯޓަލްގައި ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުންގެ މައުލޫމާތު އަދާހަމަކުރުމަށްވެސް އެލްޖީއޭއިން ވަނީ ކަނޑައަޅާފައެވެ.







