މިދިޔަ އަހަރު ބޭންކް ފަންޑް ކާމިޔާބުކުރި ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) އިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް ޓްރެއިނިން ލެބް އިތުރަށް ތަރައްގީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމުކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ އެ ދެ ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުންގެ ޕްރެކްޓިކަލް ސްކިލްސް އާއި އުފެއްދުންތެރިކަން ކުރިއަރުވައި، ޒަމާނީ ވަސީލަތްތަކާއެކު ޓްރެއިނިން ފޯރުކޮށްދީ ދަރިވަރުންގެ މަސައްކަތްތެރިކަން ހަރުދަނާ ކުރުމަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށެވެ.
އެ ސްކޫލުގައި ގާއިމުކުރި ޑިޖިޓަލް ސްޓޫޑިއޯ ފަރުމާކޮށްފައިވަނީ ޑިޖިޓަލް ކެމެރާތަކާއެކު ފުރިހަމަ ޕްރޮޑަކްޝަން ސެޓަޕެއްގެ ގޮތުގައި ކަމަށާއި އެ ސްޓޫޑިއޯގައި ސްކޫލުގެ ދަރިވަރުންނަށް ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންއާ ގުޅޭ ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
އެ ޕްރޮޖެކްޓްގެ ދަށުން ފޭލި ޖަމިއްޔާއިން ވަނީ އެ ސްކޫލުގައި ކުރިން ހިންގަމުން ދިޔަ ވޮކޭޝަނަލް ޓްރެއިނިން ލެބް އިތުރަށް ތަރައްގީކޮށްދީފައެވެ. އެގޮތުން އެ ތަނުގައި ކާޕެންޓްރީ ބައެއް ހިމަނައި، އެތަން ފަރުމާކޮށްފައިވަނީ ބޭނުންވާ ވަޑާން ސާމާނާއި ބެޓެރީ ޕަވާޑް އިލެކްޓްރިކް ޓޫލްތަކާއި ސަލާމަތީ ސާމާނުވެސް ހިމަނައިގެންނެވެ. އެ ލެބްގައި ފެހުމުގެ ބައެއް ތަރައްގީކޮށް، އެތަން ފަރުމާކޮށްފައި ވަނީ ފަހާފޮށިތަކާއި ފެހުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީގެންނެވެ.
ވޮކޭޝަނަލް ލެބްގެ ހަރަކާތްތަކަށް ދަރިވަރުންނަށް ބޭނުންވާ ޓްރެއިނިން ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓާކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް މުޖުތަމައުގެ ކުރިއެރުމަށް އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް ކޮންމެ އަހަރަކު ހުޅުވާލާ ގްރާންޓެކެވެ. އެ ގްރާންޓުން ހޮވޭ ފަސް ޖަމިއްޔާއަކަށް ޕްރޮޖެކްޓުތައް ހިންގުމަށް 200،000 ރުފިޔާގެ އެހީ ބީއެމްއެލުން ފޯރުކޮށްދެއެވެ.








