ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ހަތް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮލަމްބޯގައި ހުންނަ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ޒުވާނުން ތަރައްގީ ކުރުމާއި، އަރުޝީފު ކުރުމުގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި، ހައްދު ފަހަނަ އަޅައިދިޔުން ހުއްޓުވުމާއި، ސިއްހީ އަދި ދިފާއީ ދާއިރާގެ ދިރާސީ މަސައްކަތްތަކުގައި ގުޅުންބަދަހިކުރުމާއި، ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމުގެ ދާއިރާގައި އެއްބާރުލުންދިނުމާ ގުޅުންހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެ އެވެ.
ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.








