އައްޑޫގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބާއްވާ އައްޑޫ ބިޒްނެސް ޑައިލޮގް ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްފައި މި ހަރަކާތް ކުރިއަށް ދާނީ މިއަދާއި މާދަމާ އެވެ.
ހިތަދޫ ސްކޫލްގައި ކުރިއަށް ގެންދާ އައްޑޫ ބިޒްނެސް ޑައިލޮގް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސިޔާސީ ގޮތުން ފިކުރު ތަފާތު ވިޔަސް ގައުމުގެ އިގްތިސާދު ކުރިއެރުވޭނީ ހުރިހާ ފަރާތްތަކުން އެކައްޗެއް ކިޔައިގެން އެކީގައި މަސައްކަތްކޮށްގެން ކަމަށެވެ.
އޭނަ ވިދާޅުވި އައްޑޫގައި ފެށި ބިޒްނެސް ޑައިލޮގް އަކީ އައްޑޫގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާނެ ޑައިލޮގެއް ކަމަށެވެ. ވިދާޅުވެފައެވެ. ސައީދު ވިދާޅުވީ އިގްތިސާދީ އަދި ތަރައްގީގެ ކަންކަމުގައި ރައީސް ލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅުއްވައިގެން ނަމަވެސް ހަލުވިކަމާއެކު މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ. އެގޮތުން އައްޑު އަކީ މި މަސައްކަތުގެ ފެށުން ކަމަށާއި ބިޒްނަސް ޑައިލޮގްގައި އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ކުރެވޭނެ ކަމަށް އެ ފަރާތްތަކަށް ފެންނަ ކަންކަން ހާމަކޮށް ކަރުދާހެއް އެކުލަވާލާނެ ކަމަށް ވިދާޅުވިއެވެ. އައްޑޫގައި ކުރިއަށްގެންދެވޭ މަޝްރޫއަކީ ސަރުކާރުން 2040ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ކުރިއަށްގެންދެވޭ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށް ވެސް ވިދާޅުވި އެވެ.
އައްޑޫ ބިޒްނެސް ޑައިލޮގްގައި އެކި ދާއިރާތަކުން މަސައްކަތްކުރާ ވިޔަފާވެރިން ބައިވެރިވެ އެވެ.








