އަދަދުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާން ވަގުތުން މިނިވަންކުރުމަށް ގޮވައިލައި އަދި ނޫސްވެރިންނަށް ބިރުދެއްކުމާއި، ހައްޔަރުކުރަމުންދާ ދިއުމާ ދެކޮޅަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވައި މާލޭގެ މަގުތަކަށް ނުކުމެ އަޑުއުފުލައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.
މި އިހުތިޖާޖު ފަށާފައިވަނީ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެއިންނެވެ. ނަޝީދު އިސްކޮށް ހުންނަވައި އެމްޑީޕީ ހަރުގެއިން ފެށިގެން މަޖީދީމަގުން ހިނގާފައި ގޮސް އިހުތިޖާޖުގެ ބައިވެރިން މިހާރު ތިބީ އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ. އިހުތިޖާޖުގެ ބައިވެރިން ވަނީ ލީވާނާއި ޝަހުޒާން ވަގުތުން ދޫކޮށްލުމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ގޮވާލަމުންނެވެ.
ރައީސް މުޢިއްޒާއި ސުވާލެއް ކޮށްގެން "އަދަދުު" ނޫހުގެ ޝަހުޒާން އަދި އާޓިކަލްއެއް ލިޔެގެން ހަމަ އެ ނޫހުގެ ނޫސްވެރިއެއްކަމަށްވާ ލީވާން މިހާރު ވަނީ ޖަލަށް ލާފައެވެ. ޝަހުޒާން 15 ދުވަހަށް ޖަލަށް ލާފައިވާއިރު ލީވާން ލާފައިވަނީ 10 ދުވަހަށެވެ.








