ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރަން ޕީއެންސީން ޤަރާރެއް ހުށަހަޅައިފިއެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ ނާޒިމު މަޤާމުން ވަކިކުރުމުގެ ޤަރާރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށް ބުންޏެވެ.
މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކި ވާނީ ދެ ހާލަތެއްގަ އެވެ. އެއީ އެ މެންބަރަކު މެންބަރުކަމުން ވަކިވުމުންނާއި އެ މީހަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން 14 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދޫ ނުން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ޤަރާރު ހުށަހަޅަން ޖެހެ އެވެ.
ޤަވާއިދުގައިވާގޮތުން މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނަވާ ބޭފުޅަކު މަޤާމުން ވަކިކުރަން ޤަރާރެއް ހުށަހެޅޭނީ މުޅި މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު މައްސަލަ ހުށަހަޅައިގެންނެވެ. އަދ އެ ޤަރާރު މަޖިލީހުގެ އިދާރާއަށް ލިބޭތާ ގިނަވެގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ޤަރާރުގެ ނޯޓިސް މެންބަރުންނާއި ނައިބު ރައީސަށް އަމީންއާންމު ފޮނުވަން ޖެހެ އެވެ.
ނާޒިމު މަޖިލީހުުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީއިން ސޮއިއިއްޔެ އެވެ.








