ދިވެހިންނަށް ވިސާއާ ނުލަައި 30 ދުވަހަށް ސީޝެލްސްއަށް ދެވޭނެ ގޮތް ހަމަޖައްސައިފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޯ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އެކްސް ޕޯސްޓުގައި ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އިއްޔެއިން ފެށިގެން ދެ ގައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި 30 ދުވަހު ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ބެރީ ފޯގެ މި ބައްދަލުކުރެއްވުމުގައި ދެ މިނިސްޓަރުން ވަނީ އިންޑިއާ ކަނޑުގެ އަވަށްޓެރި ގައުމުތަކުގެ ގޮތުގައި ރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް އިރުތިޝާމް ވިދާޅުވިއެވެ.
އޭގެ އިތުރުން، އދ، ކޮމަންވެލްތު، އޭއޯސިސް، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް ފަދަ ސަރަޙައްދީ އަދި މަލްޓިލޭޓަރަލް ފޯރަމްތަކުގައި ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އެއްބަސްވެވަޑައިގެންނެވި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު އިރުތިޝާމް ދެއްކެވި ވާހަކަފުޅުގައި، މިއީ ސީޝެލްސްގެ ހާރިޖީ ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކަމަށާއި މިއީ ސީޝެލްސްގައި އާ ސަރުކާރު އުފެދުނު ފަހުން ބައްދަލުކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ދިވެހިންނާއި ސީޝެލްސްގެ ރައްޔިތުން އެއްގައުމު އަނެއް ގައުމަށް ދަތުރުކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.








