މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި ކޮމަރޝަލް ބޭންކިންގ ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސާއި އޮޕަރޭޝަނަލް އެޕްރޫވަލް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިއަދު ދޫކޮށްފިއެވެ.
އެ އޮތޯރިޓީން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން، ރާއްޖޭގައި ބޭންކެއް ގާއިމްކުރުމަށް ޕްރިމިއަރ ބޭންކަށް ލައިސަންސް ދީފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ 19 ވަނަ ދުވަހު، ޓިއަރ 1 ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ލައިސަންސް ދިނުމުގެ ކުރިން ދޫކުރި ހުއްދައިގެ ދަށުން ކަނޑައެޅި ޝަރުތުތައް އެ ފަރާތުން ފުރިހަމަ ކުރުމުން ކަމަށެވެ. އެ ހުއްދައިގެ ދަށުން ބޭންކުގެ ނަމާއި މިލްކުވެރިކަމުގެ އޮނިގަނޑަށް ލައިސަންސަށް އެދި ހުށަހެޅި ފަރާތުން އެދުނު ބަދަލުތައް ގެނެސް މިއަދު، ލައިސަންސް ދޫކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
އެމްއެމްއޭއިން ބުނީ ޕްރިމިއަރ ބޭންކަށް ބޭންކިން ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަކުރުމަށާއި، ބޭންކިންގ ސިނާއަތުގައި ވާދަވެރިކަން އިތުރުކޮށް، ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީގެ މަގުސަދަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ލައިސަންސް ދޫކުރުމާއި ސުޕަވައިޒް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސް، ހުރިހާ ފަރާތްތަކަށް ޝާމިލުވެވޭ ފަދަ ވާދަވެރި މާލީ ނިޒާމެއް ރާއްޖޭގައި ދެމެހެއްޓުން ކަމަށެވެ.








