ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ މާލީ ބަޔާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމުކޮށްފި އެވެ.
ގާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ބުނާގޮތުން ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކޮންމެ އަހަރަކު އެ ބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރި މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކުރައްވައި ތައްޔާރުކުރާ މާލީ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވަން ޖެހެ އެވެ.
ރައީސް މުއިއްޒުގެ މާލީ ބަޔާންގައި ފާހަގަކޮށްފައިވާ ގޮތުގައި އެ މަނިކުފާނުގެ ތިން ބޭންކް އެކައުންޓެއްގައި ޖުމްލަ ހުރީ 1.8 މިލިއަން ރުފިޔާ އެވެ.
ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ރައީސް މުއިއްޒަށް ތިން މަސްދަރަކުން ޖުމްލަ 705,024.00 (ހަތް ލައްކަ ފަސް ހާސް ސައުވީސް) ރުފިޔާގެ އާމްދަނީއެއް ލިބިވަޑައިގެންފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ މުސާރައިގެ ގޮތުގައި ލިބުނު 285,024.00 ރުފިޔާއާއި، ހުޅުމާލޭގައި ހުންނަ ރޯހައުސްއެއް ކުއްޔަށް ދީގެން ލިބުނު 240,000.00 ރުފިޔާގެ އިތުރުން، އާއިލާގެ ފަރާތުން ހަދިޔާގެ ގޮތުގައި ލިބިވަޑައިގަތް 180,000.00 ރުފިޔާ އެވެ.
ފައިސާގެ ގޮތުން ބަލާއިރު، ބަޔާން ނެރުނު ތާރީހާ ހަމައަށް ރައީސް މުއިއްޒުގެ ބޭންކު އެކައުންޓްތަކުގައި ޖުމްލަ 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާ އެބަހުއްޓެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަރަންޓް އެކައުންޓެއްގައި 184,845.52 ރުފިޔާ، ބީއެމްއެލް ސޭވިންގްސް އެކައުންޓެއްގައި 1,701,470.44 ރުފިޔާ، އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސޭވިންގްސް އެކައުންޓެއްގައި 1,000.00 ރުފިޔާ ހުރިކަމަށް ދައްކަ އެވެ.
ރައީސްގެ މިލްކިއްޔާތުގައި 260,000.00 ރުފިޔާގެ އަގުހުރި ކާރެއް އޮތްކަމަށްވެސް ހާމަކޮށްފައިވެ އެވެ.
ރިއަލް އެސްޓޭޓްގެ ބަޔަށް ބަލާއިރު، ރައީސް މުއިއްޒުގެ މިލްކިއްޔާތުގައި ވާރުތަ މުދަލުގެ ގޮތުގައި އެމަނިކުފާނަށް ލިބިވަޑައިގަތް މާލޭގައި ހުރި "މ. ދިމްޔާތު" ހިމެނެ އެވެ. މީގެ އިތުރުން، ހުޅުމާލޭގައި ހުންނަ، 5,919,500.00 (ފަސް މިލިއަން ނުވަ ލައްކަ ނަވާރަ ހާސް ފަސްސަތޭކަ) ރުފިޔާގެ އަގުހުރި "ޓެރާ 2" ނަމަކަށް ކިޔާ ރޯހައުސްއަކާއި، ހއ. ވަށަފަރުގައި ހުންނަ 150,000.00 ރުފިޔާގެ އަގުހުރި "ދިމްޔާތު" ކިޔާ ޢިމާރާތެއް އެމަނިކުފާނުގެ ނަންފުޅުގައި އޮތްކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި މ. ފިގް ކިޔާ ބިމަކުން އެމަނިކުފާނަށް ހިބައިން ލިބުނު ބައެއްވެސް މި ބަޔާނުގައި ހިމަނާފައިވެ އެވެ.
ދަރަނީގެ ގޮތުގައި ރައީސް މުއިއްޒުގެ ނަންފުޅުގައި އޮތީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގް ކޮމްޕެނީ (އެމްއެފްއެލްސީ) އަށް ދައްކަންޖެހޭ 1,319,265.13 (އެއް މިލިއަން ތިން ލައްކަ ނަވާރަ ހާސް ދެސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާގެ ލޯނެކެވެ.
މި ބަޔާނުގައި ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދަށް ފާއިތުވި ހަ މަސްދުވަހު ލިބުނު އާމްދަނީގެ ތަފްސީލު ވެސް ވަނީ ހާމަކޮށްފަ އެވެ. އެކަމަނާގެ އާމްދަނީގެ ތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާއަށް ލިބޭ އެލަވަންސްގެ ދަށުން ލިބުނު 199,999.98 ރުފިޔާގެ އެލަވަންސަކާއި، ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން މުސާރައިގެ ގޮތުގައި ލިބުނު 78,000.00 ރުފިޔާގެ އިތުރުން، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއަށް ކޮންސަލްޓެންސީ ހިދުމަތް ދީގެން ލިބުނު 4,927.32 ރުފިޔާ އެވެ.








