ޖޫރިމަނާ ކޮށްފާ އޮއްވައި އެ ޖޫރިމަނާ ފައިސާ ނުދެއްކި ނަަމަވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ.
މިއަދު ގެޒެޓު ކުރި ގަވާއިދުގައި ބުނާ ގޮތުން އަލަށް ލައިސަންސް ހައްދަން ދާއިރު ލައިސަންސް ނެތި ދުއްވައިގެން ކުރި ޖޫރިމަނާ ފައިސާ ދެއްކިތޯ ނުދައްކައިތޯ ނުބަލާނެ އެވެ. މީގެ އިތުރުން މި ގަވާއިދުގައި ބުނަނީ ގަވާއިދާ ޚިލާފަށް ޕާކުކުރާ ނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް އަދި ލައިސަންސް ބާތިލް ކުރެވޭނެ ކަމަށެވެ.
ކުރިން ކުރަމުން އައި ގޮތަށް ޖޫރިމަނާ ނުކުރި ނަމަވެސް އާ ގަވާއިދުގެ ދަށުން ކޮންމެ ލައިސަންސަކަށް ދޫކޮށްފައިވާ 100 ޕޮއިންޓު ހުސްވުމުން އެ ލައިސަންސެއް ބާތިލް ކުރާނެ އެވެ. ގަވާއިދާ ހިލާފަށް ޕާކްކުރާ ކޮންމެ ފަހަރަކު ޕޮއިންޓު އުނި ކުރަމުން ގެންދާނެ އެވެ.
އާ ގަވާއިދަށް އަމަލު ކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޓްރެފިކް ޖޫރިމަނާއާއި ލައިސަންސް ނެތި ދުއްވާ ކުދިން ޖޫރިމަނާ ކުރުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ވައުދަކީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދެކެވެ.
ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅި ޓްރެފިކް ޖޫރިމަނާގެ މައްސަލަތަކަށް ހައްލު ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން 10،000 ރުފިޔާއަށްވުރެއް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ދައްކަން ޖެހިފައިވާ ފަރާތްތަކުން މުޖުތަމައުއަށް ހިދުމަތް ކޮށްދިނުމުން ޖޫރިމަނާ މައާފުކޮށްދިނުމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.