ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުން ޑީޕޯޓުކޮށް ރާއްޖެ ގެނައުމަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
މި ޕެޓިޝަންގައި ސޮއިކުރަން ފަށާފައިވަނީ މިއަދު އެވެ. ޕެޓިޝަންގައި ވަނީ މިއީ އަލީގެ މައްޗަށް ޖިއްސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުރަތަމަ ފަހަރު ނޫންކަން ފާހަގަކޮށްފަ އެވެ. އެގޮތުން މީގެ ކުރިން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށްވެސް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށާއި އޯޑިއޯތަކެއް ލީކުވެފައިވާކަން ފާހަގަކުރި އެވެ.
އަލީ ގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވުމާއިއެކު އޭނާ މަގާމުން ވަކިކުރި އެވެ. އަދި އެމައްސަލަ ބަލަން ފެށި އެވެ. އެހެންނަމަވެސް ވަކި ހިސާބަކުން އަލީ ރާއްޖެއިން ބޭރަށް ފުރުވައިލީ މުޅި ދައުލަތް ގުޅިގެން ކަމަށް ތުހުމަތު ކުރެވެ އެވެ.
އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ދާދި ފަހުން ހައިކޯޓުގައި އެދުމުން އެ މައްސަލަ ބަލައި ނުގަންނަން ވަނީ ނިންމައިފަ އެވެ. މިހާރު އެމައްސަލަ ދައުލަތުން ވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.
އަލީގެ މައްޗަށް ޖިންސީ އަނިޔާގެ 7 ދައުވާއެއް ކުރެ އެވެ. އޭނާގެ މައްސަލައިގެ ޝަރީއަތްތައް އޮންލައިންކޮސް ކުރިއަށް ގެންދަނިކޮށް ދައުލަތުން އެދިގެން ސުޕްރީމް ކޯޓުން ވަނީ އަލީ ރާއްޖެ ވަޑައިގެންނެވުމަށް އަންގައިފަ އެވެ. އެކަމުގެ ޗިޓު އޭނާގެ އީމެއިލްއަށްވެސް ވަނީ ފޮނުވައިފަ އެވެ.