އިސްލާމް ދީނަށް ފުރައްސާރަކޮށް ދީނާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާ މީހުންގެ މައްސަލަތައް ބަލާނެ ކަމަށް ފުލުހުން ބުނެފި އެވެ.
މިފަހަކަށް އައިސް އިސްލާމް ދީނަށް ކުޑައިމީސް ބަސް ބުނާ ފަރާތްތައް ސޯޝަލް މީޑިއާގައި އިތުރުވެ އެފަދަ މީހުންގެ މައްސަލަތައް ފުލުހުން ނުބަލާ މައްސަލައިގައި ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެން ފުލުހުން ބުނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އިސްލާމް ދީނާ ދެކޮޅަށް ވާހަކަތައް ފަތުރާ ފަރާތްތަކުގެ މައްސަލަ ވެސް އެހެނިހެން މައްސަލަތަކޭ އެއްފަދައިން ބަލައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އަދި ވަކި މައްސަލައެއް ތަހުގީގު ކުރަން ނުވަތަ ނުކުރަން ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒެ ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
ރާއްޖެއަށް ނިސްބަތްވާ އަންހެނަކު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކޮށް ޖިންސު ބަދަލުކުރާ އޮޕަރޭޝަން ކޮށް ފިރިހެނަކަށް ބަދަލުވި މައްސަލަ ސޯޝަލް މީޑިއާގައި މިދޭތެރެއިން ހޫނުވި އެވެ. މިމައްސަލައިގައި ބައެއް ދިވެހިން އެކަމަށް ތާއީދުކޮށް ވާހަކަދައްކާތީ ފާޑު ކިޔުންތައް އަމާޒުވި އެވެ.