މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމު އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ޒުވާބު ކުރައްވާ ސްކްރީންޝޮޓް ތަކެއް ހަމައެމްވީއަށް ލިބިއްޖެ އެވެ.
ރޮޒެއިނާ ރޭ ކުރެއްވި ޓްވީޓެއް އެޓޭޗް ކުރެއްވުމަށްފަހު ރައީސް ނަޝީދު އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ވިދާޅުވީ" ރޮޒޭ ކީއްވެތޯ އަޅުގަނޑާއި އަޅައިގަނެގެން ތިއުޅުއްވަނީ.. އިރުއިރު ކޮޅާ ރައީސް ނަޝީދޭ ކިޔާ ތިޔަ ޓްވީޓު ކުރަނީ؟" ކަމަށެވެ. އަދި އެމަނިކުފާނަށް ފާރަލާ ވާހަކަ ވިދާޅުވުމުން ވެސް އަޅާނުލި ކަމަށް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ" މީހަކު ބުނި ޕޮލިސް ބުނި ކަމަށް ބޮން ގޮއްވި މީހުން ހުޅުމާލޭ ބޯގަން ވިލާ މަގހިގައި އުޅޭ ވާހަކަ. ކުރީ ރޭ ހާދިސާ ހިނގީ އެ މަގުގައި." ކަމަށެވެ.
އެއަށް ރައްދު ދެއްވާ ރޮޒެއިނާ ވިދާޅުވީ " އަޅުގަނޑު ރައީސާއި އަޅައިގަނެގެން ނޫޅޭ" ކަމަށެވެ. އެކަމަކު ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އަމިއްލައަށް ގަބޫލު ނުކުރެވޭ ކަންކަން ހުންނަ ކަމަށާއި މިސަރުކާރުން ޓެރަރިޒަމަށް ހިތްވަރު ދީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ނުބަލާ ދޫކޮށްލާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރޮޒެއިނާ ވިދާޅުވެ އެވެ.
ހަރުކަށި ފިކުރު ރާއްޖޭގައި އޮތްކަން ގަބޫލު ކުރައްވާ ކަމަށާއި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ނަޝީދަށް ގަސްތުގައި ދެރައެއް ދެއްވަން ކުރެއްވި ކަމެއްކަމަށް ވެސް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެ އެވެ.
އެމެރިކާފަދަ ގައުމުތަކުގައި ސަރުކާރަށް ނޭނގި ޓެރަރިޒަމްގެ އަމަލުތައް ދީފައި އެބަހުރި ކަމަށާއި އެކަމަށް "ޑީލް" ކުރެވޭނީ ވަރުގަދަ "ސްޓްރަޓެޖީ"އިން ކަމަށް ގަބޫލު ކުރައްވާކަމަށް ވެެސް ރޮޒެއިނާ ވިދާޅުވި އެވެ.
ނަޝީދާއި ރޮޒެއިނާގެ ޒުވާބު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްއެޕް ގުރޫޕް ހޫނުވެފައި މި ވަނީ ނަޝީދު އަވާރަކޮށްލަން ބަޔަކު ޓެރަރިސްޓް ހަމަލާދިނީ، ނަޝީދަކީ މުރުތައްދު ވެފައިވާ އަދި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކުރާ ބޭފުޅެއް ކަމަށް ގަބޫލުކޮށް ކަމަށް ފުލުހުން ރޭ ވަނީ ބުނެފައި ވަނިކޮށް ރޮޒެއިނާ ރޭ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެނެވެ.
ރޮޒެއިނާ ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރޭ ފުލުހުންގެ ޕްރެސްއިން އެނގިލެއްވި ގޮތުގައި ކުރިން ގައުމުގައި ހިނގާފައި ހުރި ކަންކަމާއި ޚިލާފަށް[ޑރ. އަފްރާޝީމާއި، ރިލްވާނާއި، ޔާމީން ރަޝީދުގެ މައްސަލަ] ރައީސް ނަޝީދުގެ މައްސަލަ އިންޓަނޭޝަނަލް ޕްރޮފެޝަނަލް މީހުންންގެ އެހީތެރިކަމާއެކު ވަގުތުން ބެލެމުންދާ ކަން ކަމަށެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން މައްސަލައާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައި ވެ އެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.