ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފި އެެވެ.
މި މެސެޖް ނަޝީދު ފޮނުއްވީ މަޖިލީސް މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕަކަށެވެ.
އެ ގުރޫޕުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރޭ ޕްރޮސެކިއުޓަރ ޖެނެރަލާއި ފުލުހުން ބޭއްވި ޕްރެސްއާއި ގުޅިގެން ދައުލަތުން އަމަލު ކުރަން ފެންނަ ގޮތާއި ބެހޭ ބަހުސް ހިންގުމަށް ވީ އެންމެ އަވަހަކަށް ޖަލްސާ ބޭއްވުމަށް ހުށައަޅުއްވާ ކަމަށެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގެ ތަފްސީލު ވަނީ ހާމަ ކޮށްފަ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވާނަމަ މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެ އެވެ.
މި ގޮތަށް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވޭނެ ގޮތް މަޖިލީހުން ހަމަޖައްސައިދޭން ޖެހެއެވެ. މަޖިލީހުގެ ތިން ބައިކުޅަ އެއްބަޔަކީ މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން 29 މެމްބަރުންނެވެ.
މަޖިލީސް މިވަގުތު އޮތީ ދެވަނަ ދައުރު ނިމި ޗުއްޓީގަ އެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދަވަން ރާއްޖޭން ބޭރުގައި ހުންނެވުވުމުގެ ސަބަބުން އެމަނިކުފާނަށް ދެވަނަ ދައުރުގެ އެއްވެސް ޖަލްސާއެއްގައި ބައިވެރިވެޑައި ނުގެންނެވެ އެވެ.
އެމަނިކުފާނު މިވަގުތު ވެސް ހުންނެވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގަ އެވެ.