ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގޮވާލާ ގަރާރު އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
އެމްޑީޕީ ގައުމީ މަޖިލީހުން އެ ގަރާރު ފާސްކޮށްފައިވަނީ 39 މެމްބަރުންގެ ތާއީދާއި އެކު އެވެ. މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި 41 މެމްބަރަކު ބައިވެރިވެލެއްވި އިރު ވޯޓު ނުދެއްވަނީ އޭގެ ތެރެއިން ދެ މެމްބަރުންނެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގައި 148 މެމްބަރުން ތިއްބަވަ އެވެ.
ޓެރަރިސްޓް ހަމަލާގައި ލިބިލެއްވި ޒަޚަމްތަކުގައި މިވަގުތު އިނގިރޭސި ވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ނަޝީދު ބައިވެރިވެވަޑައިގެން މިރޭ ހުށައެޅުއްވި ގަރާރަކީ ފުލުހުން ރޭ އާންމުކުރި މައުލޫމާތުތަކާ ގުޅިގެން ސަރުކާރުން އަމަލު ކުރަންޖެހޭ ގޮތް އެމްޑީޕީން ހާމަކުރަން ޖެހޭ ކަމަށާއި އަދި އެކަމާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އަދި ޓެރަރިސްޓުން ހައްޔަރު ކުރަން ފުލުހުންނަށް ފުރުސަތު ދޭން ސަރުކާރަށް ގޮވާލުމަށް އެދި ހުށައެޅުއްވި ގަރާރެކެވެ.
އެމްޑީޕީ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާކަމަށް އަޑުތައް ފެތުރިފައިވާއިރު މިރޭގެ ގައުމީ ޖަލްސާގައި ބައިވެރި ނުލައްވާ މެމްބަރަކު ހަމައެމްވީއަށް ވިދާޅުވީ ޖަލްސާގައި ބައިވެރިވެނުލެއްވީ ރައީސް ނަޝީދު ހުށައެޅުއްވި ގަރާރަށް ތާއީދު ނުކުރައްވާތީ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެމްޑީޕީ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާއިރު މިރޭގެ ޖަލްސާގައި އެމަނިކުފާނު ވެސް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި މިރޭ ބައިވެރިވެވަޑައިނުގެންނެވި 100 އެއްހާ މެމްބަރުންނަކީ ރައީސް ސޯލިހުގެ ފެކްޝަންގައި ހިމެނޭ މެމްބަރުންނެވެ.
އެ މެމްބަރުން މިރޭގެ ޖަލްސާ 'ބޮއިކޮޓް'ކުރައްވާފައި ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.