ކުއްލި ނުރައްކާ އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރަން ފުލުހުންނަށް ފުރުސަތު ދޭން ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް ދިނުމަށް އެދި ހުށައެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާ ބާރަށް ނުފޫޒު ފޯރުވުގެ ގޮތުން ނޫން ކަމަށާއި އެ ގަރާރަށް އެމަނިކުފާނު ވެސް ވިސްނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަނަވާ 148 މެމްބަރުންގެ ތެރެއިން 41 މެމްބަރުންނާއި އެކު ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައީސަށް ގޮވާލައި ގަރާރު ހުށަހެޅުއްވީ ރައީސަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ ބާރަކަށް ހުރަސް އެޅުމުގެ ގޮތުން ނޫން ކަމަށެވެ. އަދި އެ ގަރާރުގެ ސަބަބުން ރައީސަށް އެކަމުގައިި ގޮތް ނިންމެވުމަށް އިތުރު ޖާގައެއް ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި ގަރާރާ މެދު ރައީސް ސޯލިހު ވެސް ވިސްނަވާނެ ކަމަށެވެ.
މި ގަރާރު މި ހުށަހަޅަނީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނީ ގޮތުން ލިބިވަޑައިގެންފައިވާ އެއްވެސް ބާރަކަށް ޕާޓީގެ ފަރާތުން ކުޑަ ވެސް ކިލަނބެއް ގެނައުމުގެ ނިޔަތަކު ނޫން. އަޅުގަނޑަށް ޔަގީން ކަށަވަރު. ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންގެ ޕާޓީގެ ގަރާރާ މެދު ވިސްނަވާނެ. އަދި އަޅުގަނޑު ދެކޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ނިންމެވުމެއް ނިންމެވުމަށްޓަކައި ލިބިދޭ އިތުރު ފުރުސަތަކަށް އިތުރު ޖާގައަކަށް ވާނެ.
އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފް ރިޔާސަތު ބެލެހެއްޓެވި ރޭގެ ޖަލްސާގައި އިޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅު އަޅަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ނަޝީދު ހުށައެޅުއްވި ގަރާރު ފާސްކޮށްފައިވަނީ 39 މެމްބަރުންގެ ވޯޓުންނެވެ. އެމްޑީޕީ ގައުމީ މަޖިލީހުގެ ކޯރަމަކީ 37 އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެމްޑީޕީ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާއިރު ރޭގެ ޖަލްސާގައި އެމަނިކުފާނު ވެސް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި މިރޭ ބައިވެރިވެވަޑައިނުގެންނެވި 100 އެއްހާ މެމްބަރުންނަކީ ރައީސް ސޯލިހުގެ ފެކްޝަންގައި ހިމެނޭ މެމްބަރުންނެވެ.
ގަރާރާއި މެދު ރައީސް ސޯލިހު ވިސްނަވާނެ ކަމަށް ނަޝީދު ވިދާޅުވިއިރު، ނަޝީދު ވަނީ ރައީސް ސޯލިހަށް ސިޔާސީ ގޮތުން އެއްބާރުލުން ދެއްވުން ހުއްޓާލައްވާފައިވާ ކަން އިއުލާން ކުރައްވާފަ އެވެ.