މިނިވަންކަމަކީ ހިލޭ ލިބޭނެ އެއްޗެއް ނޫން ކަމަށާއި މިނިވަންކަން ހޯދުމަށާއި ދެމެހެއްޓުމަށް ވަރަށް ބޮޑު އަގެއް ދައްކަންޖެހޭކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދައްކަންޖެހޭ ފުރިހަމަ އަގު ދެއްކިގެން ނޫނީ އެކަން ނުވާނެ ކަމަށާއި އެކަމަށްޓަކައި މުޖުތަމައުގެ އެންމެން ތައްޔާރުވާން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިނިވަންކަން ލިބެނީ އެންމެން އެކުގައި ކުރާ ބުރަ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
އިމްރާން އިތުރަށް ވިދާޅުވީ މިނިވަންކަން ގެއްލިގެންދާ މުޖުތަމައުއެއްގައި މިނިވަންކަން ގެއްލިގެންދާ ކޮންމެ ފަހަރެއްގައި ގެއްލިގެން ދަނީ އެ މުޖުތަމައުއެއްގެ ބައިބައިވުމާ، ދެކޮޅުވެރިކަމާ، ދެބަސްވުމާއި އަދާވާތްތެރިކަމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން މިނިވަންކަން ދަމަހައްޓަން ބޭނުންވާ ކޮންމެ މުޖުތަމައުއެއްގެ މެދުގައި ފުރިހަމަ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫހު އާލާކޮށް ދިރުވަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންގެ ރާއްޖޭގަ 56 ވަނަ މިނިވަން ދުވަސް ފާހަގަކުރަމުން ދާއިރު އަޅުގަނޑުމެންގެ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ގެންދިއުމަށްޓަކައި އެކުގައި މަސައްކަތް ކުރުމުގެ ރޫހު އިތުރަށް އާލާކޮށް ދިރުވުމަށްޓަކައި މިފަހަރު އަޅުގަނޑުމެންގެ މިނިވަން ދުވަސް މި ފާހަގަކުރަނީ މުޅި ރާއްޖޭގައި"
- މިނިސްޓަރު އިމްރާން އަބްދުﷲ
އިމްރާން ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވި ދަތިތަކާއި އުނދަގޫތަކާއި އެކުވެސް މިނިވަން ދުވަހުގެ އުފާ ފާޅު ކުރުމާއި މިނިވަންކަން ފާހަގަކުރުމުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ކުރަމުންދާ މަސައްކަތާއި ދެއްވާ އެއްބާރުލުމަށްޓަކައި ޝުކުރު ދަންނަވާކަމަށެވެ.
އިމްރާންގެ ހިތޯބުގައި ވަނީ ރައީސްގެ ދެކަނބަލުންނަށާއި އެންމެހާ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ.
މިއަހަރުގެ މިނިވަންދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "މިނިވަންކަމުގެ އުފާވެރިކަން - މުޖުތަމައުގެ ބަދަހިކަން" މިއެވެ.