ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް ބަނގުރާ ހިއްޕެވުން ހުއްޓަވައިލެއްވިކަމަށް ބުނާ ލިޔުމެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕުގައި އާންމު ކުރައްވައިފި އެވެ.
މި ލިޔުން އެ ގްރޫޕުގައި ނަޝީދު ހިއްސާކުރެއްވި ނަމަވެސް ފަހުން ވަނީ ލިޔުން ޑިލީޓު ކުރައްވައިފަ އެވެ. އެހެންނަމަވެސް މިހާރު އެ ލިޔުން އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
ޑރ. އޭންޑީ ޒަމަރް ސޮއިކޮށް ދަ ލަންޑަން ސައިކިއޭޓްރީ ސެންޓަރުން މިމަހުގެ 14 ވަނަ ދުވަހު ނަޝީދަށް ދޫކޮށްފައިވާ އެ ލިޔުމަކީ އެމަނިކުފާނުގެ ނަފްސާނީ އެއްވެސް މައްސަލައެއް ނެތްކަމުގެ ރަސްމީ ލިޔުމެކެވެ. އެލިޔުން އެމަނިކުފާނު އާންމު ކުރެއްވީ ރާއްޖޭގެ އޮންލައިން ނޫހަކުން ނަޝީދުގެ ނަފްސާނީ މައްސަލަތަކެއް ހުންނަވާތީ އެކަމަށް ފަރުވާ ހޯދުމަށް ޑޮކްޓަރު އިލްތިމާސް ކުރެއްވިކަމަށް ބުނެ ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.
ލިޔުމުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ އަންހެން ދަރިކަލުން ވަނީ އެމަނިކުފާނަށް މީގެ އަހަރުތަކެއް ކުރިންނާއި މިފަހުން ދިމާވި ހާދިސާތައް ޑޮކްޓަރާއި ހިއްސާކޮށްފައި ކަމަށެވެ. އަދި އެކަންކަމާއި ގުޅިގެން ރައީސް ނަޝީދުގެ ޑިޕްރެޝަން ނުވަތަ އެންޒައިޓީ ފަދަ ކަންކަން ހުރެދާނެ ކަމަށް ހީކުރެވިދާނެ ކަމަށާއި އެހެންނަމަވެސް އެފަދަ އެއްވެސް ކަމެއްގެ އަލާމާތެއް މިހާތަނަށް ފެނިފައި ނުވާކަމަށެވެ.
"މަނިކުފާނު އަމިއްލަފުޅަށް ބަނގުރާ ހިއްޕެވުން ހުއްޓަވައިލެއްވީތީ ހަމަ ނިދި ލިބިލެއްވުމުގައި މިހާރު އުނދަގޫތަކެއް ނެތްކަން ވަނީ ފާހަގަވެފައި" ޑޮކްޓަރު އެ ލިޔުމުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ހެދި ޓެސްޓުތަކުން ޕީޓީއެސްޑީގެ އެއްވެސް އަލާމާތެއް ނަޝީދުގެ ފަރާތްޕުޅުން ފެނިފައި ނުވާކަމަށްވެސް ލިޔުމުގައި ވަނީ ބުނެފަ އެވެ. ރައީސް ނަޝީދުގެ ދަރިކަލުން އެމަނިކުފާނާއި ދޭތެރޭގައި ކަންބޮޑުވެވަޑައިގަންނަވާތީ މިކަމާއި ގުޅިގެން އެބޭކަލުންނާއި މަޝްވަރާ ކުރެއްވުމަށް ބޭނުންވާކަމަށްވެސް ލިޔުމުގައި ޑޮކްޓަރު ވަނީ ބުނެފަ އެވެ.
ޑޮކްޓަރު ބުނެފައިވަނީ ނަޝީދުގެ ހާލަތު އެއްވެސް ވަރަކަށް ގޯސްވާކަމަށް ބެލެވޭނަމަ ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސް ކުރާކަމަށާއި އެހެންނަމަވެސް އެހާލަތަށް ނުދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.