މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތެރެއިން ދާދިފަހުން ހިންގި 8 މިލިއަން ރުފިޔާގެ ތެލުގެ ވައްކަމާއި ގުޅިގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އެކަމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވެނީ ބިދޭސީއަކަށް ކަމަށާއި އޭނާ ހުރީ ވަޒީފާއިން ސަސްޕެންޑު ކޮށްފައިކަމަށް އެފްއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ގަސަމް ވިދާޅުވީ ވައްކަމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ މިވަގުތު ހުރީ ސަސްޕެންޝަންގައި ކަމަށެވެ. އަދި ވައްކަމުގައި ބައިވެރިވިކަމަށް ޝައްކު ކުރެވޭ މީހުން ވަނީ އެމީހުން ކުރިން ތިބި ޑިޕާޓްމެންޓު ނޫން އެހެން ޑިޕާޓްމެންޓަކަށް ބަދަލުކޮށްފައި ކަަމަށެވެ.
"އޮޑިޓާ ޖެނެރަލް އޮފީހުންވެސް މިމައްސަލަ ވަރަށް ރަނގަޅަށް އެބަ ބައްލަވާ.. އަޅުގަނޑުމެންނަށް އަންގާފަ އޮތީ ހާއްސަކޮށް އަޅުގަނޑުމެންގެ މި އެންމެ ބޮޑަށް ސަސްޕެކްޓު ކުރެވޭ ބޭރު ފަރާތް ރާއްޖެއިން ފުރުވިޔަ ނުދީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ބަހައްޓަން"
- އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމް
އެމްޕީއެލް ތެލުގެ ވައްކަން ރައްޔިތުންގެ މަޖިލީހުންވެސް ދަނީ ބަލަމުންނެވެ. ގަސަމް ވިދާޅުވީ ތަހުގީގުތަކަށް ދޭންޖެހޭ އެއްބާރުލުން އެފްއެސްއެމްގެ ފަރާތުން ދެމުން ގެންދާ ކަމަށެވެ.
ގަސަމް ވިދާޅުވީ މިފަދަ ވައްކަންތައް އާންމުކޮށް ހިނގަނީ ތެޔޮ ލިބޭ ފަރާތްތަކުން ޒިންމާދާރުކަން ކުޑަކޮށްލުމުން ކަމަށެވެ. އެހެންކަމުން އެދެނީ އެފަރާތްތަކުން ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަމަށް އިތުރަށް ސަމާލުވުމަށްކަމަށް ގަސަމް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން މި ޔަގީންކަން ދެނީ އަޅުގަނޑުމެންގެ ބާޖަކުން ވިޔަސް އަދި އަޅުގަނޑުމެންގެ ބައުޒަރަކުން ވިޔަސް އަޅުގަނޑުމެންނަށް ތެޔޮ ފޮނުވޭ އަދަދަކީ އިކޮނޮމިކް މިނިސްޓްރީގެ މިންގަނޑަށް ދެވޭނެ ނިޒާމު އަޅުގަނޑުމެން މި ހަމަޖައްސަނީ."
- އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމް
ގަސަމް ވިދާޅުވީ އެފްއެސްއެމްގައި ބޭނުންކުރާ މީޓަރުތަކަކީވެސް ދުވަހުން ދުވަހަށް އެލޮބަރޭޓު ކުރެވޭ އެއްޗެހި ކަމަަށެވެ. އަދި އޭގައި ކިރިޔާވެސް މައްސަލައެއް ފާހަގަވެއްޖެ ނަމަ ޓެކްނިކަލް ބޭފުޅުން އެކަން ރަނގަޅަށް ބަލާނެ ކަމަށްވެސް ގަސަމް ވިދާޅުވި އެވެ.
ގަސަމް ވިދާޅުވީ އެފަދަ އެމްޕީއެލް ތެލުގެ ވައްކަން ހިނގި ކަމަށް ބެލެވެނީ އެފްއެސްއެމްގެ ހުޅުމާލެ ބައުޒަރު ސަރަހައްދުގައި ކަމަށެވެ. މީގެ ކުރިންވެސް އެފަދަ ކަމެއް ހިނގައިފާނެ ކަމަށް ލަފާކުރެވި އެސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރަން އެދި އެކަން ރޭވި ކަމަށާއި އެހެންނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާއިއެކު އެކަން ލަސްވެގެން ދިޔައީކަމަށް ގަސަމް ވިދާޅުވި އެވެ.
އެމްޕީއެލްގައި ހިންގި ތެލުގެ ވައްކަމާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިތުރުން ފުލުހުންވެސް ވަނީ ތަހުގީގު ފަށައިފަ އެވެ. ރައްޔިތުންގެ މަޖިލީހުންވެސް މިމަސައްކަތް ކުރިއަށް ގެންދާއިރު އޮޑިޓް އޮފީހުން ހާއްސަ އޮޑިޓެއް ހެދުމުގެ މަސައްކަތްވެސް ވަނީ ފަށައިފަ އެވެ.