އަދާލަތު ޕާޓީއަށް 10،000 މެމްބަރުން ހަމަކުރަން އެޕާޓީން މިހާރު ފަށައިގެން ކުރިއަށް ގެންދާ ހަރަކާތުގައި ސޮއިކުރާ ކޮންމެ މީހަކަށް 1،500 ރުފިޔާ ދޭކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށް އެވާހަކަ ދޮގުކޮށްފި އެވެ.
އަދާލަތު ޕާޓީން ބުނީ ސޮއިކުރާ ކޮންމެ މީހަކަށް ފައިސާ ދޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަނީ ދޮގު ހަބަރުތަކެއް ކަމަށެވެ. އެވާހަކަތައް ފަތުރަނީ ސިޔާސީ ގޮތުން ވާދަވެރި ފަރާތްތަކުން އެޕާޓީގެ ހަރަކާތްތަކަށް ހުރަސްއެޅުމުގެ ގޮތުންކަމަށްވެސް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.
އަދާލަތު ޕާޓީއަށް 10،000 މެމްބަރުން ހަމަކުރަން އިތުރު 3،000 ސޮއި ބޭނުންވާނެ އެވެ. އެއީ ބޮލަކަށް 1،500 ރުފިޔާ މަގުން ބަލާނަމަ 4.5 މިލިއަން ރުފިޔާ އެވެ. އަދާލަތު ޕާޓީން ބުނަނީ އެވަރުގެ ފައިސާއެއް ޕާޓީން ހަރަދު ކުރުން ދެކޮޅު ނުޖެހޭ ކަމަށެވެ.
އެހެންނަމަވަވެސް މިހާރު ކުރިއަށް ގެންދާ މެމްބަރުން އިތުރު ކުރުމުގެ ހަރަކާތުގެ ތެރެއިން އެންމެ ގިނަ މެމްބަރުން ހަމަކުރާ ގޮފިތަކަށް ފައިސާގެ އިނާމު ވަނީ ހުށަހެޅިފަ އެވެ. އެފައިސާ ބޭނުންކުރަން ޖެހޭނީ ޕާޓީގެ އެކި ހަރަކާތްތަކަށް އެކަނި ކަމަށްވެސް އަދާލަތުން ވަނީ ނިންމައިފަ އެވެެ.
އަދާލަތު ޕާޓީން މިވާހަކަ ދޮގުކުރި ނަމަވެސް މެމްބަރުން އިތުރު ކުރުމުގެ ގޮތުން ކޮންމެ މީހަކަށް 1،500 ރުފިޔާ ދެމުން ދާކަމަށާއި އެކަމަށްޓަކައި ހަމަޖައްސާފައިވާ މީހެއްގެ ނަމްބަރުން އެކަން ކަށަވަރުވެސް ކޮށްދީފައިވާކަމަށް މީޑިއާގައި ވަނީ ވާހަކަދެކެވިފަ އެވެ. މިވަގުތު ފައިސާ ދިނުމުގެ ކަންކަން މަޑުޖެހިފައި އޮތީ ޕާޓީ މެމްބަޝިޕް ފޯމު ހުސްވެގެން ކަމަށްވެސް ވެއެވެ.