ދެކުނު ޗައިނާގެ ކަނޑުގެ ސަރަހައްދުން އެހެން ގައުމެއްގެ އަސްކަރީ މަނަވަރެއް ދަތުރުކުރި މައްސަލައިގައި ޗައިނާއާއި ދެކޮޅަށް ހިޔާލު ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބަސް ބުނުމުން، ނަޝީދު އަނެއްކާވެސް އެކަމަށް ރައްދު ދެއްވައިފި އެވެ.
ދެކުނު ޗައިނާގެ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ފުރިހަމަ ބާރު އޮތުމަށް އެގައުމުން ދަނީ ބައިނަލްއަގުވާމީ ދުނިޔޭގައި ވަކާލާތު ކުރަމުންނެވެ. އެހެންނަމަވެސް އެކަމަށް އިނގިރޭސިވިލާތާއި، އެމެރިކާގެ އިތުރުން ޔޫރަޕުންވެސް ދެކޮޅު ހަދަ އެވެ. ދެކުނު ޗައިނާގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރީ އިނގިރޭސިވިލާތުގެ މަނަވަރުތަކެކެވެ.
މިކަމަށް އެޑްރެސް ކުރައްވައި ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރު، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުން ދަތުރު ކުރި މަންޒަރު ބެއްލެވީ އުފާވެރި އިހުސާސްތަކާއެކުގައި ކަމަށެވެ. އަދި އެއީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި އޮންނަ ސްޕްރެޓްލީ އައިލަންޑްސް ކައިރިން ދަތުރު ކުރުމަށް އޮތް ހައްގު ކަށަވަރުކޮށްދެނިވި ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަތަކަށް ރައްދު ދެމުން ޗައިނާ އެމްބަސީން ބުނީ ބައިނަލްއަގުވާމީ ގާނޫނީ އިމުގެ ތެރެއިން، ޗައިނާގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރުމުގެ މިނިވަން ކަމަށް އެ ގައުމުން އިހުތިރާމު ކުރާނެ ކަމަށެވެ. އެހެންނަމަވެސް ޗައިނާގެ އިސްތިގުލާލާއި ސަލާމަތަށް ނުރައްކާ ކުރަނިވި އަދި ސަރަހައްދީ ސުލްހައާއި ހަމަޖެހުން ނަގާލަނިވި އަމަލުތަކަށް ހިތްވަރު ދިނުމަކީ އެގައުމުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމެއް ކަމަށް އެމްބަސީން ބުންޏެވެ.
މިއާއެކު ނަޝީދު ނުސީދާކޮށް ވިދާޅުވީ ޗައިނާއިންވެސް ކަނޑުގެ ގާނޫނުތަކަށް ބޯލަނބަންޖެހޭ ކަމަށެވެ. އެގޮތުން ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކީ ޗައިނާއިން އެ ސިފަކުރި ޒާތުގެ މަންޒަރެއް ދެކެން ބޭނުން ވާނެ މީހެއް ނޫން ކަމަށެވެ. ރާއްޖެއަކީ ޖަޒީރާ ގައުމެއް ކަމަށާއި އެހެންކަމުން ކަނޑުތަކުގެ ގާނޫނުތަކަށް ހުރިހާ ގައުމަކުން އިހުތިރާމް ކުރުމަށް ދިވެހިރާއްޖެއިން އެދޭކަމަށް ނަޝީދު ވިދާޅުވި އެވެ.
ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލައަކީ ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ މައްސަލައެކެވެ. މިމައްސަލައިގެ ތެރެއަށް ނަޝީދު ވަންނަވައި ހިޔާލުފާޅު ކުރެއްވިއިރު ނަޝީދުގެ ބަސްމަގު ހުންނެވީ ޗައިނާއާއި ދެކޮޅަށެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ނަޝީދު ވަނީ ޗައިނާއާއި ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.