ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު ހިންގަންޖެހޭ ސަބަބެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު މާލޭގައި ދިން ބޮމުގެ ހަމަލާގެ ތަހުގީގުން ގިނަ ކަންތައްތަކެއް ހާމަވެ، އޭގަ ޝާމިލުވަނީ ހަރުކަށި ފިކުރުގެ މީހުންކަމާއި މާލެއާއި މުޅި ރާއްޖޭގައި އެމީހުންގެ ނެޓުވޯކު ފުޅާވެފައި އޮތްކަން ފުލުހުންނަށް ވަނީ ހޯދިފަ އެވެ. މި މައުލޫމާތުތައް އާންމު ކުރުމާއިއެކު އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާ ނަޝީދު ވަނީ އެޕާޓީގެ ގައުމީ މަޖިހީލަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފަ އެވެ. އެ ގަރާރު ވަނީ ފާސްވެސް ކޮށްފަ އެވެ. ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ހާލަތު އިއުލާންކޮށް މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުން ފާހަގަވި ހަރުކަށި ފިކުރުގެ މީހުން ހައްޔަރުކުރަން ޖެހެ އެވެ.
ރާއްޖޭގެ ލޯކަލް ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އެކަން އެގޮތަށް ކުރައްވަންޖެހޭ ހާލަތެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ނުފެންނަކަމަށް މި ވިދާޅުވާ ސަބަބަކީ ފުލުހުން ބޭއްވި އެއްވެސް ޕްރެސް ކޮންފަރެންސެއްގައި އެބޭފުޅުންނަށް މިސާލަކަށް ސްޓޭޓް އޮފް އެމަޖެންސީއެއް ނުހިންގާ މިވެނިކަމެއް ކުރެވޭކަށް ނެތޭ ފާހަގަކުރައްވާފައެއް ނުވޭ"
- މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
ރޮޒައިނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަކީ މުހިންމު ކަމެއްނަމަ އެކަމަށް އެދި ފުލުހުންނާއި ސިފައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަން ނިންމަންޖެހޭ ރައީސް ސޯލިހުކަމަށްވެސް ވިދާޅުވި އެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަމަށް ގަބޫލުކުރައްވާ ކަމަށެެވެ. އަދި ދުވަހެއް ދުވަހަކަށް އެހާލަތު ގޯސްވަމުން އަންނަކަމަށްވެސް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް މިއީ ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ކުއްލި ހާލަތު އިއުލާންކޮށް ގިނަ ބަޔަކު ހައްޔަރުކޮށްގެން ކުރެވިދާނެ ކަމެއްކަމަށް ގަބޫލު ނުކުރައްވާކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ގައުމީ މައްސަލައަކަށް ވާއިރު އެކަން ހައްލު ކުރެވޭނީ ހުރިހާ ސިޔާސީ ލީޑަރުން އެކީގައި މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
"އެކަކު އެކަނި ހުންނަވާފަ މިއަދު ހުރިހާ އެންމެން ހައްޔަރު ކުރަންވީއޭ، މިއަދު ސްޓޭޓް އޮފް އެމަޖެންސީ ހިންގަންވީއޭ، މިގޮތަކަށް ހައްލު ކުރެވޭނެ މައްސަލައެއް ގޮތަކަށް އަޅުގަނޑު ނުދެކެން. އެހެންމަ ރައީސް ނަޝީދަށްވެސް އަމިއްލަފުޅަށް މިސާލަކަށް ރައީސް ނަޝީދުގެ ހިޔާލު ޓުވިޓާ ތަންތަނުގަ ވިދާޅުވެވޭ ގޮތަށް އަޅުގަނޑަށްވެސް އަޅުގަނޑުގެ ހިޔާލު ދެންނެވޭނެ"
- މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
ރައީސް ނަޝީދުގެ ވިސްނުންފުޅާއި ހިލާފަށް ރައީސް ސޯލިހަށް ތާއީދު ކުރައްވައި މީގެ ކުރިން ރޮޒައިނާ ވާހަކަ ދެއްކެވުމުން އޭނާއަކީ "ގަމާރެއް" ކަމަށާއި އެއީ މުހިންމު މީހެއް ނޫންކަމަށްވެސް މީގެ ކުރިން ރައީސް ނަޝިދު ވަނީ ވިދާޅުވެފަ އެވެ. ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދޭ ކިޔައިގެން އެއްވެސް ޓުވީޓެއް ނުކުރައްވާ ކަަމަށެވެ. އެހެންނަމަވެސް ބައެއް ބޭފުޅުން އެކަމަށް ރައްދު ދެއްވާއިރު ރައީސް ނަޝީދުގެ ހިޔާލަކީ ތިއެއް ނޫނޭ ވިދާޅުވުމުން އޭގެ ޖަވާބެއްގެ ގޮތުން ރައީސް ނަޝީދުގެ ވާހަކަފުޅު ވިދާޅުވެފައި އޮވެދާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރަން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޕާޓީގެ ގިނަ މެމްބަރުން ބައިވެރި ނުވީ ރައީސް ނަޝީދާއި ހިޔާލު ތަފާތުވާ ބޭފުޅުން ގިނަކަމުން ކަމަށްވެސް ރޮޒައިނާ ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ބައިވެރިވީ 39 މެމްބަރުންނެވެ. އެމަޖިލީހުގައި ޖުމްލަ 139 މެމްބަރުން ތިއްބަވަ އެވެ. ރައީސް ނަޝީދުގެ ގަރާރު ފާސްވީ ހަނި ފުރުސަތަކުންނެވެ. އެދުވަހު ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވަނީ ނަޝީދުގެ ގަރާރު ފާސްކުރުމާއި ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. ގަރާރު ފާސްކުރަން އޭނާ ވޯޓެއް ނުދެއްވަ އެވެ. ރައީސް ސޯލިހަށް ތާއީދު ކުރައްވާ އެމްޑީޕީގެ ބޭފުޅުން އެދުވަހުގެ މަޖިލީހުގައި ބައިވެރިއެއް ނުވެ އެވެ.