ކޮވިޑް-19 ދިފާއު ވެކްސިން ޖެހުމުގެ ޕްރޮގުރާމް އަލުން ފަށަން ތައްޔާރުވަމުން ދާއިރު އެސްޓްރަޒެނިކާ ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓު ހެއްދުމަށް މިއަދު ހުޅުވާލައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި އެސްޓްރަޒެނިކާ ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ޖެހުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު އެކަމަށް އެދި ހުޅުވާލާފައިވާ ކަމަށެވެ.
އެޕޮއިންޓްމެންޓު ހައްދަން ޖެހެނީ އެޗްޕީއޭއިން އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް book.hpa.gov.mv މެދުވެރިކޮށެވެ. އެމީހަކު ބޭނުންވާ ގަޑިއަކަށް އެޕޮއިންޓްމެންޓު ހެއްދޭއިރު، އެގަޑީގެ 15 މިނެޓު ކުރިން ވެކްސިން ސެންޓަރުގައި ހުންނަން އެޗްޕީއޭއިން އެދެ އެވެ.
އަތޮޅު ތެރޭގެ ރަށްތަކުގައި މިހާރުވެސް އެސްޓްރަޒެނިކާ ވެކްސިން ޖެހުމުގެ ޕްރޮގުރާމް ފަށައިގެން ކުރިއަށް ގެންދާއިރު، މާލެ ސަރަހައްދުގައި އެވެކްސިން ޖަހަން ފަށަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. މާލެ ސަރަަހައްދުގައި ވެކްސިން ޖަހާނީ 6 ސެންޓަރެއްގަ އެވެ. އެއީ ސޯޝަލް ސެންޓަރު، އިސްލާމީ މަރުކަޒު، އާޓް ގެލެރީ، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރުގެ އިތުރު ހުޅުމާލެ ހޮސްޕިޓަލުގަ އެވެ.
އަތޮޅު ތެރޭގައި ވެކްސިން ޖަހާ ފަރާތްތަކުން އެޕޮއިންޓްމެންޓު ހައްދާކަށް ނުޖެހޭނެ އެވެ.