މާލެ ސިޓީގައި މީޓަރު ޕާކިން ނިޒާމެއް ގާއިމް ކުރާނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.
އެކަމަށްޓަކައި އެ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ނިޒާމު ޤާއިމުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ކައުންސިލުގެ ޕްރޮކިއުމެންޓު ސެކްޝަނުން މައުލޫމާތު އޮޅުންފިލުވޭނެ ކަމަށެވެ.
އެގޮތުން ޕްރޮކިއުމެންޓު ސެޝަނުން މައުލޫމާތު ހޯދުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮންނާނީ އަންނަ އޯގަސްޓު މަހުގެ 19 ވަނަ ދުވަހުގެ 10:00 ގެ ކުރިން ކަމަށް ކައުންސިލުން ބުންޏެވެ.
މަސައްކަތް ކުރާނެ އަގުތައް ހުށަހެޅޭނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
މީޓަރު ޕާކިން ނިޒާމު ގާއިމްކުރަނީ އަގު ދައްކައިގެން ޕާކު ކުރުމުގެ އިންތިޒާމު ފަސޭހައިން ހަމަޖެއްސުމަށެވެ. ރާއްޖޭގައި މިނިޒާމު ގާއިމްކުރާ މިއީ ފުރަތަމަ ފަހަރު ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މިކަން ކުރެ އެވެ. މީޓަރު ގާއިމް ކުރުމުން ޕާކިންއަށް އަގު ދައްކަން ޖެހޭނީ ޕާކުކޮށްފައި ހުންނަ ވަގުތަކަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މީޓަރު ޕާކިންގެ ނިޒާމު ތައާރަފު ކުރުމުން މާލޭގެ ޕާކިންއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.