ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
އެގޮތުން މާދަމާއަށް ތާވަލުކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑު އެހުމެކެވެ. އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 9:00 ގަ އެވެ.
މާދަމާ އަޑުއެހުން ބާއްވާ ދައުވާއަކީ ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައި ކުރާ ދައުވާ އެކެވެ.
މީގެ ކުރިންވެސް ވަނީ މިމައްސަލައިގެ އަޑުއެހުމެއް ބާއްވައިފަ އެވެ. މިދިޔަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އޮތް އެ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ ދައުވާ ސާފު ނުވާކަމަށެވެ. އަދި އެމަނިކުފާނު އެދިވަޑައިގަތް ލިޔުންތައްވެސް ލިބިވަޑައިގެންފައި ނުވާކަމަށް ވިދާޅުވި އެވެ.
މިއާއެކު ގާޒީ ނިންމެވީ މިވަގުތަށް ބޭނުންވާ ލިޔުންތައް ހުރި ކަމަށެވެ. އެހެންނަމަވެސް ޝަރީއަތް ކުރިއަށް ދާވަރަކުން އިތުރު ލިޔުންތައް ބޭނުންވާނަމަ އެކަމަށް އަމުރު ނެރުއްވާނެ ކަމަށް ވިދާޅުވި އެވެ. މިމައްސަލައިގައި ދައުލަތުން ވަނީ 1.1 މިލިއަން ޑޮލަރަށްވުރެއް ގިނަ ފައިސާ އާއި އާމްދަނީއާއި ނުބައްދަލު ރައީސް ޔާމީންގެ މުދާތައް ދައުލަތަށް ނެގުމަށްވެސް އެދިފަ އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅުންހުރި ގިނަ ދައުވާތަކެއް ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާއިރު މިހާރުވެސް އެމަނިކުފާނު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.