މާލެ ސަރަހައްދުގެ ކަރަންޓު ބިލުތައް މިހިނގާ ޖުލައި މަހު އާދަޔާ ހިލާފަށް ބޮޑުވި މައްސަލައިގައި ގިނަ ބަޔަކު ޝަކުވާ ކުރުމާއި ގުޅިގެން އެ މައްސަލަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަން ފަށައިފި އެވެ.
ކަރަންޓު ބިލުތައް ބޮޑުވި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. ސީޝަލް މީޑީއާގައި ބިލުތައް ހިއްސާކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ މީގެ ކުރިން އެންމެ ބޮޑުވެގެން 2،500 ރުފިޔާ އަރާ ކަރަންޓު ބިލުތަކަށް މިމަހު 5،000 ރުފިޔާއަށްވުރެއް ބޮޑު އެއްޗެއް އަރާފައިވާ ކަމަށެވެ. އެހެންނަމަވެސް ކަަރަންޓު ބޭނުން ކުރަނީ ކުރިއެކޭވެސް އެއް މިންވަރަކަށް ކަމަށް އެފަރާތްތަކުން ވަނީ ބުނެފަ އެވެ.
މިއާއި ގުޅިގެން ރެގިއުޅޭޓަރީ އޮތޯރިޓީން ބުނެފައިވަނީ ކަރަންޓު ބިލުތައް ބޮޑުވި މައްސަލައިގައި ގިނަ ބައެއްގެ ކަންބޮޑުވުން އޮތުމާއިއެކު އެމައްސަލަ މިހާރު ބަަލަން ފަށާފައިވާ ކަމަށެވެ. އަދި ބުނީ ރަސްމީކޮށް އެކަން އެ އޮތޯރިޓީއަށް ހުށަހަޅާފައި ނުވިނަމަވެސް އެކަން ބަލަމުން ގެންދާނެ ކަަމަށެވެ.
ސްޓެލްކޯއިން މިކަމާއި ގުޅިގެން ބުނެފައިވަނީ ކަރަންޓު ބިލުތައް ބޮޑުވެފައިވަނީ އެކުންފުނީގެ މައްސަލައަކުން ނޫން ކަމަށެވެ. އަދި ބުނީ މީގެ ކުރިން ދެމުންދިޔަ ކޮވިޑް-19 ޑިސްކައުންޓު މިމަހުގެ ކަނޑާލާފައިވާތީ ބިލުތައް ބޮޑުކަމަށް ދައްކަނީ ކަމަށެވެ. ކޮވިޑާއި ގުޅިގެން ސްޓެލްކޯއިން ކަރަންޓު ބިލުތަކަށް 40 އިންސައްތައިގެ ޑިސްކައުންޓެއް ދިނެވެ.
ސްޓެލްކޯއިން ވަނީ އާންމުންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން އަލުން ރީޑިން ހަދައި ބިލުތައް ދެވަނަ ފަހަރަށް ޗެކުވެސް ކޮށްފަ އެވެ. އަގުތައް ބޮޑުވެފައިވަނީ އެފަދަ މައްސަލައަކުން ނޫންކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.