މާލޭގެ މަގުމަތީގައި ހުރި، ބޭނުން ނުކޮށް ގިނަ ދުވަސްވެ ހަލާކުވެފައިވާ ވެހިކަލްތައް ނަގަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މިކަން އާންމުކޮށް އަންގައި މިއަދު ސިޓީ ކައުންސިލުން ވަނީ އިއުލާނެއް ކޮށްފަ އެވެ. ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނީ ނަގަން ނިންމާފައިވަނީ މާލޭގެ މަގުމަތީގައި ހިނގަން އުނދަގޫވާ ގޮތަށާއި އަދި ވެހިކަލް ދުއްވަން ދަތިވާ ގޮތަށް ބަަހައްޓާފައި ހުންނަ ވެހިކަލްތަކާއި ނުދުއްވާ ގިނަ ދުވަސްވެ ހަލާކުވެފައި ހުންނަ ވެހިކަލްތައް ކަމަށެވެ.
ސިޓީ ކައުންސިލުން މިމަސައްކަތް ކުރާނީ ފުލުހުންނާއި ގުޅިގެންނެވެ. މާދަމާއިން ފެށިގެން ވެހިކަލްތައް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ. މީގެ އިތުރުން ސިޓީ ކައުންސިލުން ވެހިކަލްތައް ނެގުމުގެ ކުރިން އޭގެ ވެރިފަރާތުން އެތަކެތި ނަގައި މަގުތައް ސާފު ކުރުމަށް އިއުލާނުގައި އެދިފައި ވެ އެވެ.
ވެހިކަލްތައް ނެގުމަށްފަހު ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެތަކެތި ނައްތައިލާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.
މާދަމާއިން ފެށިގެން މަގުމަތީގައި ހުރި ވެހިކަލްތައް ނަގާއިރު އެތަކެތި ނެގުމަށްފަހު އަދި ނެގުމުގެ ތެރޭގައި ލިބޭ ގެއްލުމަށް ސިޓީ ކައުންސިލުން ޒިންމާ ނުވާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.