ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިމަހު 16 ވަނަ ދުވަހު ފަށަން ތާވަލުކޮށްފި އެވެ.
އެ ތާރީހުގައި މަޖިލީހުގެ ޖަލްސާތައް ފަށާނެކަން މިއަދު ވަނީ މަޖިލިސް މެމްބަރުންނަށް އަންގައިފަ އެވެ. މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިންމައި ޗުއްޓީއަށް ދިޔައީ މިދިޔަ ޖުލައި މަހު 8 ވަނަ ދުވަހު އެވެ.
މަޖިލިސް ޗުއްޓީއަށް ދިޔުމުގެ ކުރިން އެންމެ މުހިންމުކަމެއް ދީގެން ކުރި އެއް މަސައްކަތަކީ އެމަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން 241 ކޮމިޓީން ހިންގި އިންކުއަރީގެ މަސައްކަތެވެ. އެއީ ސަލާމަތީ ބާރުތަކުގެ ސެކިއުރިޓީ ބްރީޗުވި ގޮތާއި ގުޅޭ އިންކުއަރީ އެކެވެ. އިންކުއަރީ ނިންމައި ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓު ވަނީ ދައުލަތުގެ ތިން ބާރުގެ ވެރިންނަށް އަރުވައިފަ އެވެ.
މަޖިލިސް ޗުއްޓީގައި އޮއްވައި ރައީސް ނަޝީދުގެ ހަމަލާއާއި ގުޅުންހުރި އިތުރު މުހިންމު މައުލޫމާތުތަކެއް ފުލުހުން ހާމަކުރި އެވެ. އެއާއެރު ރައީސް ނަޝީދު ވަނީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ގޮވާލައިފަ އެވެ. އެހެންނަމަވެސް އެކަމުގެ ފަހުގެ ތަފްސީލެއް އެމްޑީޕީއަކުން އަދި ރައީސް ނަޝީދުވެސް ނުދެއްވަ އެވެ.
މީގެ އިތުރުން މަޖިލީހުގެ ނިމިދިޔަ ދައުރުގައި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއްވެސް ސަރުކާރުގެ ފަރާތުން އެމްޑީޕީ މެމްބަރަކު ހުށަހެޅި އެވެ. ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލަކީ މުސްލިމުން ކާފަރުކޮށް، "ލާދީނީ" އަދި އެނޫންވެސް ބަސްތައް ގޮވައި ނަފުރަތު އާންމު ކުރުން ހުއްޓުވަން ހުށަހެޅި ބިލެކެވެ. މި ބިލުގެ މައްސަލަ ވަރަށް ބޮޑުވެ ސަރުކާރުން ވަނީ އެބިލަށް ކުރި ތާއީދު އަނބުރާ ގެނަސްފަ އެވެ.
އެހެންނަމަވެސް ރައީސް ނަޝީދު ވަނީ ސަރުކާރުން އެފަދަ ބިލެއް ހުށަހެޅުމަށްފަހު އަނބުރާ ނެންގެވުމުން ފާޑު ވިދާޅުވެފަ އެވެ. ނަފުރަތު ހުއްޓުވުމުގެ ބިލު ކޮމިޓީން އިސްލާހުކޮށް މަޖިލީހަށް ފޮނުވި ނަމަވެސް މަޖިލީހުން ވަނީ އަނެއްކާވެސް އެ ބިލު ކޮމިޓީއަށް ފޮނުވާލައިފަ އެވެ. ރައީސް ނަޝީދު ވިދާޅުވަނީ އެ ބިލުން އިސްލާހުތައް އުނިކޮށް ފުރަތަމަ ހުށަހެޅި ގޮތަށް ބިލު ފާސްކުރަންޖެހޭ ކަމަށެވެ.
މި ބިލުގެ މައްސަލައިގައި ރައީސް ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއިއެކު ސިޔާސީ ގޮތުން ހުންނެވެން ނެތްކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ނަފުރަތު ހުއްޓުވުމުގެ ބިލު ފާސްކުރުމާއި ސަރުކާރުން ދެކޮޅު ހަދާތީ އެއީ އަދާލަތު ޕާޓީގެ ނުފޫޒުން ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށް ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ވަނީ ޑިމޮކްރަސީއާއި އެމްޑީޕީގެ އުސޫލުތަކާވެސް ހިލާފުވެފައި ކަމަށެވެ.
މަޖިލީހުގެ ދެވަނަ ދައުރު ނިންމައިލިއިރު ރައީސް ނަޝީދު ހުންނެވީ ބޮމުގެ ހަމަލާގައި ލިބުނު ޒަހަމުތަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގަ އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ސީދާ ތާރީހެއް މިހާތަނަށް ހާމަކޮށްފައި ނުވިނަމަވެސް ބެލެވޭ ގޮތުގައި ވަރަށް އަވަހަށް މާލެ ވަޑައިގަންނަވާނެ އެވެ.