ފިނޭންސް މިނިސްޓްރީން ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފަށް އަދި ދައުލަތަށް 21.6 މިލިއަން ރުފިޔާ ގެއްލުން ވާގޮތަށް މިއަހަރުގެ ތެރޭގައި ތިން ޕްރޮޖެކްޓެއް އެވޯޑު ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ފިނޭންސް މިނިސްޓްރީން އިއުލާންކުރި އެ ތިން ޕްރޮޖެކްޓަކީ މިއަހަރު ޖެނުއަރީ 27 ގައި ބީލަމަށް ހުޅުވައިލި ހދ. ހަނިމާދޫގައި އިމާރާތް ކުރަން ފަށާފައިވާ ހައުސިންގް ޔުނިޓު ނިންމުމުގެ މަސައްކަތުގެ މަޝްރޫއާއި، މިއަހަރު ފެބުރުއަރީ 2 ވަނަ ދުވަހު ބީލަމަށް ހުޅުވައިލި ތ. ވިލުފުށީގައި އިމާރާތްކުރާ ހައުސިންގް ޔުނިޓުގެ މަޝްރޫއުގެ އިތުރުން މިއަހަރު ފެބުރުއަރީ މަހުގެ 15 ވަަނ ދުވަހު ބީލަމަށް ހުޅުވައިލި ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރާ ހައުސިންގް ޔުނިޓުތަކުގެ މަޝްރޫ އެވެ.
މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ދައުލަތަށް ލިބިދާނެ ގެއްލުމަކަށް ބަލައި އެކަމުގައި މިނިސްޓްރީ ތެރެއިން ހައްލެއް ހޯދަން މަސައްކަތް ކުރުމަށްފަހު ކަމަަށް ސިވިލް ކޯޓަށް ހުށަހެޅި އެސްޖޭ ގްރޫޕުން ބުންޏެވެ.
އެސްޖޭ ގްރޫޕުގެ ފަރާތުން އެޑްވޮކެސީ ޗޭމްބާޒްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިމައްސަލައިގައި ނެޝަނަލް ޓެންޑާ ބޯޑުން އަމަލުކޮށްފައިވާ ގޮތުން ހިތްހަމަ ނުޖެހިގެން އެކަން ފިނޭންސްގެ ޕްރޮކިއުމެންޓް އޮފިސަރަށްވެސް ހުށަހެޅި ކަަމަށެވެ. އެހެންނަމަވެސް އެދެވޭ ހައްލެއް އެކަމުގައި ލިބިފައި ނުވާތީ ދެން އެކަން ހުށަހެޅީ މިފަދަ މައްސަލަތަކުގައި ފަހު ނިންމުން ނިންމާ މުސްތަގިއްލު ރިވިއު ކޮމިޓީއަށް ކަމަށް އެޑްވޮކަސީ ޗޭމްބާޒްއިން ބުންޏެވެ.
Press Release pic.twitter.com/sroXBalUgE
— Advocacy Chambers LLP (@Advocacy_LLP) August 1, 2021
ހަނިމާދޫ، ވިލުފުށި އަދި ނޮޅިވަރަންފަރުގެ ހައުސިންގް މަޝްރޫއަށްވެސް އެސްޖޭ ގްރޫޕުން ހުށަހެޅީ އެންމެ ކުޑަ އަގެވެ. ތިން މައްސަލައިގައިވެސް މާލިއްޔަތު ގާނޫނާއި ހިލާފުވި މައްސަލަ ޕްރޮކިއުމެންޓް އޮފިސަރަށް ހުށަހެޅިއިރު ބަޔާންކޮށްފައިވާ 14 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމުން ނިންމާފައިވަނީ އެންމެ ޕްރޮޖެކްޓަކާއިމެދު އެވެ. އެގޮތުން ވިލުފުށި ހައުސިންގް މަޝްރޫއާއި ގުޅިގެން އެސްޖޭ ގްރޫޕުން ހުށަހެޅި ބިޑްގައި ބައެއް ކަންކަން ފުރިހަމަ ނުވާ ކަމަށް ނިންމާފައިވެ އެވެ.
އޭގެ ފަހުން އެސްޖޭގެ ފަރާތުން މި މައްސަލަ މުސްތަގިއްލު ރިވިއު ކޮމިޓީއަށް ހުށަހެޅި އެވެ. މުސްތަގިއްލު ކޮމިޓީން ނިންމި ނިންމުމުގައި ތިން ޕްރޮޖެކްޓު އެވޯޑު ކުރަން ނިންމި ނިންމުން އަލުން އިވެލުއޭޓު ކުރަންޖެހޭ ކަަމަށް ފާހަގަކޮށްފައިވާކަމަށް އެޑްވޮކެސީ ޗޭމްބާޒްއިން ބުންޏެވެ. ހުށަހަޅާ މިފަދަ ބިޑްތަކުގެ މައްސަލައިގައި ފަހު ނިންމުން ނިންމާ ތަނަކީ މުސްތަގިއްލު ރިވިއު ކޮމިޓީން ނަމަވެސް އެ ކޮމިޓީގެ ނިންމުމާއި އެއްގޮތަށް އަމަލު ނުކުރަން ފިނޭންސުން ނިންމާފައިވާކަމަށް މައުލޫމާތު ލިބޭކަމަށް މިއަދު ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.
މިއަދު ނެރުނު ބަޔާނުގައި ވާގޮތުން؛
- ހަނިމާދޫ ހައުސިންގް ޕްރޮޖެކްޓު އެވޯޑު ކޮށްފައިވާ އަގަކީ އެސްޖޭއިން ހުށަހެޅި އަގަށްވުރެއް 3.8 މިލިއަން ރުފިޔާ ބޮޑު އަގެކެވެ.
- ނޮޅިވަރަންފަރު ހައުސިންގް ޕްރޮޖެކްޓު އެވޯޑު ކޮށްފައިވާ އަގަކީ އެސްޖޭއިން ހުށަހެޅި އަގަށްވުރެއް 9.3 މިލިއަން ރުފިޔާ ބޮޑު އަގެކެވެ.
- ވިލުފުށި ހައުސިންގް ޕްރޮޖެކްޓު އެވޯޑު ކޮށްފައިވާ އަގަކީ އެސްޖޭއިން ހުށަހެޅި އަގަށްވުރެއް 8.5 މިލިއަން ރުފިޔާ ބޮޑު އަގެކެވެ.
މިއާއެކު ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޑެންޓާ ބޯޑުން އަމަލުކުރިކަމަށް ދޭހަވާ އެތައް ކަމެއް އެޑްވޮކެސީ ޗޭމްބާޒްއިން މިއަދު ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެސްޖޭ ގްރޫޕުގެ ފަރާތުން މިމައްސަލަ ފިނޭންސް މިނިސްޓްރީގެ ސަމާލުކަމަށް ގެނައިނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބުމުން މިހާރު މިމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.