ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދުގެ ވަގުތެއްގައި މަރު ކޮމިޝަނަށް ހާޒިރުވާން އަންގާފައި އޮއްވާ، އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅުންހުރި މައްސަލައެއްގައި މިއަދު ފުލުސް އޮފީހަށް ހާޒިރުވާންވެސް އަންގައިފި އެވެ.
ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އެންގީ މިއަދު މެންދުރުފަހު 2:00 އަށެވެ. އެއީ ވ. އާރަށް ވިއްކި މައްސަލައިގަ އެވެ. އެމައްސަލައިގައި މީގެ ކުރިންވެސް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރި އެވެ. ރިޒޯޓެއް ތަރައްގީ ކުރަން ވިއްކި އާރަށުން ލިބުނު ފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރު ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަށް ޖަމާކުރިކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.
އާރަށުގެ މައްސަަލައަކީ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް (ޕިޖީ) އޮފީހަށް ދައުވާވެސް ކުރަން ފޮނުވާފައިވާ މައްސަލަ އެކެވެ. މިދިޔަ އޭޕްރީލް މަހު އެ މައްސަލަ ޕީޖީއަށް ފޮނުވުމަށްފަހުވެސް ހަމަ އެމައްސަލައިގައި ރައީސް ޔާމީން ގެންދަވަނީ އެކި ފަހަރު މަތިން ފުލުހަށް ހާޒިރު ކުރަމުންނެވެ.
މިމަހުގެ ތިންވަނަ ދުވަހު ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުވާންވެސް ވަނީ އަންގައިފަ އެވެ. އެއީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގަ އެވެ. އެ މައްސަލައިގައި ރައީސް ޔާމީން ކޮމިޝަނަށް ހާޒިރު ކުރާއިރު، އެކޮމިޝަންގެ ކުރީގެ ރައީސް ހުސްނު ސުއޫދު މީގެ ކުރިން ވިދާޅުވީ ރިލްވާން މައްސަލައާއި ރައީސް ޔާމީނާއި އެއްވެސް ގުޅުމެއް ނެތްކަމަށެވެ. އެހެންނަމަވެސް ކުއްލިއަކަށް މިމައްސަލައިގައި ރައީސް ޔާމީން ހާޒިރު ކުރަން މަަރު ކޮމިޝަނުން ވަނީ އަންގައިފަ އެވެ.
އިއްޔެ ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ އިތުރު ދެ ދައުވާއެއްގެ އިބްތިދާއީ އަޑުއެހުންވެސް ކުރިއަށް ގެންގޮސްފަ އެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތުގައި ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރ ކުރެއްވިކަމަށް ބުނެ ދައުލަތުން ކުރާ ދެ ދައުވާ އެވެ.
ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.