ކުރީގެ ވަޒީރު އަބްދުﷲ ކަމާލުއްދީން އަށް ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.
ކަމާލުއްދީން އިސްކޮށް ހުންނަވައިގެން އުފައްދަން މަސައްކަތް ކުރައްވަނީ ނޭޝަނަލް ސޮލިޑޭރިޓީ ޕާޓީ (އެންއެސްޕީ) އެވެ.
އިލެކްޝަނުން ބުނީ ޕާޓީ އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ލިޔުމުން، މިހާރު ކަމާލުއްދީނަށްވަނީ ދީފަ އެވެ. މީގެ ކުރިން ކަމާލުއްދީން ޕާޓީއެއް އުފެއްދެވުމަށް އިލެކްޝަނަށް ހުށަހެޅުއްވުމުން އޭނާގެ ނަން އެހެން ސިޔާސީ ޕާޓީއެއްގައި އޮންނެވުމާއި ގުޅިގެން އިލެކްޝަނުން ވަނީ އެ ހުށަހެޅުން ބާތިލްކޮށްފަ އެވެ.
ކަމާލުއްދީން މީގެ ކުރިން ހުންނެވި އެމްއާރުއެމްއިން ވަކިކުރެއްވުމަށް އޭގެ ފަހުން އެ ޕާޓީން އިލެކްޝަނަށް ސިޓީ ފޮނުވި އެވެ. އެހެންކަމުން މިހާރު އާ ޕާޓީއެއް އުފެއްދެވުމަށް އެއްވެސް ހުރަހެއް ނެތްކަމަށް އިލެކްޝަނުން ކަމާލުއްދީންއަށް ވަނީ އަންގައިފަ އެވެ.
ކަމާލުއްދީން އަކީ ގިނަ ދުވަސްތަކެއް ވަންދެން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ އަރިހުގައި ސިޔާސީ މަސައްކަތް ކުރެއްވި ފަރާތެކެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީގައިވެސް ދުވަސްކޮޅެއް ވަންދެން ހުންނެވި އެވެ. ފަހުން އެމްއާރުއެމް އުފެއްދެވުމާއިއެކު ކަމާލުއްދީން އަނެއްކާވެސް ވަނީ މައުމޫނުގެ އަރިހުގައި ސިޔާސީ މަސައްކަތް ކުރައްވައިފަ އެވެ.