ރާއްޖޭގެ މަސްލަހަތު ގެއްލިދާނެ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ކެމްޕެއިނާއި ގުޅުމަށް އެރުވި ދައުވަތު ގަބޫލު ކުރަން ބޭނުން ނުވާކަން އެމްއާރުއެމް އިން އަންގައިފި އެވެ.
އިދިކޮޅު ކޯލިޝަނުން ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ކެމްޕެއިނާއި ގުޅުމުގެ ދައުވަތު ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ އިތުރުން އެމްޑީއޭ އާއި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް ފޮނުވީ އިއްޔެ އެވެ.
އެ ދައުވަތަށް އެމްއާރުއެމްއިން މިއަދު ވަނީ ޖަވާބު އަރުވައިފަ އެވެ. އެޕާޓީން ނިންމީ އިދިކޮޅުގެ އެ ހަރަކާތާއި ނުގުޅޭށެވެ.
އެމްއާރުއެމްއިން ބުނީ އެޕާޓީއަކީ މިހާރު އޮތް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެެއް ކަމަށެވެ. އަދި އެމްއާރުއެމްއިން ކޯލިޝަންއާއި ވަކިވެގެން ގައުމުގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމަކަށް ތާއީދުކޮށް އެފަދަ ކަމެއްގައި ބައިވެރިވާން ބޭޏުން ނުވާކަން ޕީޕީއެމް/ޕީއެންސީ އަށް އަންގާފައިވާކަމަށް އެޕާޓީން ބުންޏެވެ.
އިދިކޮޅުން ދައުވަތު އެރުވި އެހެން ޕާޓީތަކުންނާއި ޕާޓީތަކުގެ ލީޑަރުންވެސް މިނިވަންކަމުގެ ދިފާއުގައި ކެމްޕެއިނާއި ގުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ. ޖުމްހޫރީ ޕާޓީން ވަނީ އިދިކޮޅާއި ގުޅުމުގެ ޝައުގުވެރިކަން ނެތްކަމަށް ބުނެފަ އެވެ.
އިދިކޮޅުން ދައުވަތު ނުދެނީ ހަމައެކަނި އެމްޑީޕީއަށާއި އެޕާޓީގެ ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވަނީ އެމަނިކުފާނުގެ ހަރަކާތްތަކާއި ގުޅުމުގެ ދައުވަތު އިދިކޮޅަށް ދެއްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފަ އެވެ. އެހެންނަމަވެސް ރަސްމީކޮށް ދައުވަތު ފޮނުއްވާފައެއް ނުވެ އެވެ.
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ބުނެފައިވަނީ އެމްޑީޕީއާއިއެކު ކުރާނެ ސިޔާސީ މަސައްކަތެއް އޮތްކަމަށް ނުދެކޭ ކަމަށެވެ.