މޮރިޝަސްގެ ރަށެއް ކަމަށްވާ އަގަލެގާގައި އިންޑިއާ އަސްކަރިއްޔާގެ ބޭސްއެއް ހެދުމުގެ މަސައްކަތް ކުރަނީ އައްޑޫ ސިޓީގެ މަގު ހެދުމަށް ދިވެހި ސަރުކާރުން ހަވާލުކުރި އިންޑިއާގެ ކުންފުނިން ކަމަށް އަލްޖަޒީރާގައި ބުނެފި އެވެ.
އަލްޖަޒީރާއިން އިއްޔެ ހާމަކުރި ތަހުގީގީ ރިޕޯޓެއްގައި ބުނީ އަގަލެގާގައި އަސްކަރީ ބޭސް ތަރައްގީ ކުރަނީ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑުން ކަމަށެވެ. އައްޑޫ މަގު ހެދުމުގެ މަޝްރޫއު ހަމަ އެކުންފުންޏާއި ހަވާލު ކުރީ މިއަހަރުގެ ފެބުރުއަރީ މަހު އެވެ.
އައްޑޫ ސިޓީގެ 40 ކިލޯމީޓަރު މަގުގައި ތާރު އަޅަން ހަވާލުކުރި އެ މަޝްރޫއަށް 1.1 ބިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ. މި ފައިސާއަކީ އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ނަގާ ފައިސާ އެވެ. އެ ކްރެޑިޓް ލައިނުން 800 މިލިއަން ޑޮލަރު ރާއްޖެއަށް ވަނީ ދޫކޮށްފަ އެވެ.
އިންޑިއާ އިން ބުނަނީ އައްޑޫއަކީ ސަރަހައްދީ ހަބަކަށް ހަދާނެކަމަށް
އަލްޖަޒީރާގެ ތަހުގީގީ ރިޕޯޓުގައި ބުނެފައިވަނީ އިންޑިއާއިން ސިއްރު އަސްކަރީ ބޭސްއެއް ހަދާ އަގަލެގާ އަކީ ވަކިން އޮންނަ މޮރިޝަސްގެ ރަށެއް ކަމަށެވެ. އެތަނުގައި 300 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅުނު ނަމަވެސް ރަށުގެ ބޮޑު ބައި އޮންނަނީ ހުސްކޮށެވެ. އިންޑިއާއިން ވަނީ ބޮޑު ރަންވޭއެކާއި ޖެޓީއެއްވެސް އެތަނުގައި ތަރައްގީ ކޮށްފަ އެވެ.
މޮރިޝަސްގެ އެ ރަށް އިންޑިއާ އަސްކަރިއްޔާއިން ބޭނުން ކުރާނީ ޖާސޫސް ކުރަން ކަމަށް އަލްޖަޒީރާއިން އެއްކުރި މައުލޫމާތުތަކުން ވަނީ ހާމަވެފަ އެވެ. މޮރިޝަސް ސަރުކާރާއިއެކު އިންޑިއާއިން ހަދާފައިވަނީ އަގަލެގާގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ހިންގުމުގެ އެއްބަސްވުމެކެވެ. އެހެންނަމަވެސް ސިއްރު އަސްކަރީ ބޭސްއެއް ހަދަން އެއްބަސްވިކަމަށް މީގެ ކުރިން އަޑު ފެތުރުނެވެ. 2018 ވަނަ އަހަރުގެ ތެރޭގައި މޮރިޝަސް ސަރުކާރުން އެވާހަކަތައް ދޮގު ކުރި އެވެ. އެހެންނަމަވެސް އެއްބަސްވުންތަކުގެ މާ ބޮޑު ތަފްސީލެއް އޭރު ހާމައެއް ނުކުރެ އެވެ.
މޮރިޝަސްގައި އަސްކަރީ ބޭސްއެއް ތަރައްގީ ކުރާ ކުންފުނިން އައްޑޫ ސިޓީގެ މަގު ހެދުމުގެ މަސައްކަތް ފަށާފައިވާއިރު އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމުގެ ވާހަކަތަކެއްވެސް ދެކެވުނެވެ. އެކަން ނިންމީ އިންޑިއާ ސަރުކާރުންނެވެ.
އައްޑޫއާމެދު އިންޑިއާއިން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން އެތަނުގައި އިންޑިއާ އަސްކަރީ ހިދުމަތްތަކެއް ދޭން އުޅޭކަމަށް އަޑު ފެތުރުނު ނަމަވެސް ދިވެހި ސަރުކާރުން އެކަން ދޮގު ކުރެ އެވެ. އެހެންނަމަވެސް އައްޑޫ ސިޓީގައި މިހާރު ކަން ހިނގަމުން ދަނީ މީގެ އަހަރުތަކެއް ކުރިން މޮރިޝަސްގައި އިންޑިއާއިން ކަން ކުރި ގޮތަށްކަން އަލްޖަޒީރާއިން އިއްޔެ ނެރުނު ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
"އިންޑިއާ އައުޓު" ގެ ނަމުގައި ސޯޝަލް މީޑިއާގައި ބޮޑު ކެމްޕެއިނެއް ފަށައިގެން ކުރިއަށް ގެންދާއިރު އެކަން ވަނީ އިންޑިއާ މީޑިއާތަކުގެ ސަމާލުކަމަށްވެސް އައިސްފަ އެވެ. އައްޑޫ ސިޓީ އިންޑިއާގެ އަސްކަރީ ބޭނުމަށް ދޭން އުޅޭކަމުގެ ތުހުމަތުތައް ތަކުރާރުކޮށް ސަރުކާރުން ދޮގު ކުރެ އެވެ. އެހެންނަމަވެސް އިންޑިއާ އާއިއެކު ހަދާފައިވާ ބައެއް އެއްބަސްވުންތަކުގެ ތަފްސީލު ދިވެހި ސަރުކާރުން ހާމައެއް ނުކުރެ އެވެ. މީޑިއާތަކުން އެކަމަށް އެދުނު ނަމަވެސް ދިވެހި ސަރުކާރުން ބުނަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ބުރޫ އަރައިފާނެތީ އެއްބަސްވުންތައް ހާމަކުރެވެން ނެތްކަމަށެވެ.