ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާނުގެ މައްސަލަ ނުބަލަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދުވަހަކުވެސް ނާންގަވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަސްލަހަތު އޮންނަ މީޑިއާއަކުން ރިޟްވާނުގެ މައްސަލަ ނުބަލަން ރައީސް ޔާމީން ހޯމް މިނިސްޓަރަށް އެންގެވިކަމަށް ބުނެ ރިޕޯޓުކޮށްފައި ވަނިކޮށެވެ. ރިލްވާން ގެއްލުނު ހާދިސާ ހިނގިއިރު ހޯމް މިނިސްޓަރުކަމުގައި ހުންނެވީ އުމަރު އެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން އެފަދަ އެންގެވުމެއް ދުވަހަކުވެސް އަންގަވާފައި ނުވާކަމަށެވެ.
ރިލްވާނު ގެއްލުވައިލުމުގެ ތަހުގީގަށް ހުރަސްއެޅިކަމަށް ތުހުމަތުކޮށް އިއްޔެ ރައީސް ޔާމީން ވަނީ މަރު ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ. ކޮމިޝަންގައި ކުރެއްވި ސުވާލުތަކަށް ރައީސް ޔާމީން ޖަވާބު ދެއްވާފައި ނުވަނީ އެކަމާއި ރައީސް ޔާމީނާއި އެއްވެސް ގުޅުމެއް ނެތުމުން ކަމަށް އެމަނިކުފާނުގެ ލޯޔަރުން ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުގައި އިސްކޮށް ހުންނަވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ތަހުގީގަށް ރައީސް ޔާމީން ހުރަސް އެޅުއްވި ގޮތެއް މަރު ކޮމިޝަނަށް ދެންނެވިފައި ނުވާކަމަށެވެ.
ރިލްވާނުގެ މައްސަަލައާއި ގުޅިގެން ރައީސް ސޯލިހު އެކުލަވައިލެއްވި މަރު ކޮމިޝަނަށް ހޯދިފައިވަނީ ކުރިންވެސް ހޯދިފައިވާ ކަންކަން ކަމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު މީގެ ކުރިން ވިދާޅުވި އެވެ. އުމަރު ވިދާޅުވާ ގޮތުގައި އާ ކަމެއް މި ސަރުކާރަށް ހޯދިފައި ނުވިނަމަވެސް ރިލްވާންގެ ހާދިސާ މި ސަރުކާރުން ބޭނުން ކުރަނީ ސިޔާސީ ހަތިޔާރަކަށް ކަމަށެވެ.
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު ކެމްޕެއިންގައި ވިދާޅުވީ ރިލްވާން ގެއްލުވައިލި ހާދިސާގެ ތަހުގީގު ވެރިކަމުގެ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ފައްޓަވައި ވީއެންމެ އަވަހަކަށް އެކަން ނިންމަވާނެ ކަމަށެވެ. މިވާހަކަ ރައީސް ވިދާޅުވީ ކީރިތި ކުރައްވަމުންނެވެ. އެހެންނަމަވެސް ވެރިކަމަށް ތިން އަހަރު ވާން ކައިރިވެފައިވާއިރުވެސް އެއްވެސް މަރުގެ މައްސަލައެއްގައި ކުރިއެރުމެއް ހޯދިފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.