ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ވަލީލެއްގެ ގޮތުގައި ކޮއްކޯފުޅު ނާޒިމް އަބްދުއް ސައްތާރު ހަމަޖައްސައިދިނުމަށް ނަޝީދު އެދިވަޑައިގެންފި އެވެ.
ނާޒިމް އަބްދުއް ސައްތާރަކީ ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ. ނާޒިމް ވަކީލެއްގެ ގޮތުގައި ހަމަޖައްސައިދޭން ނަޝީދު އެދިވަޑައިގެންނެވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ފޮނުވާފައިވާ ސިޓީއެއްގަ އެވެ.
ސިޓީގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ބަޔާނެއް ބޭނުންފުޅުވާކަމަށް ޕީޖީ ވިދާޅުވެފައިވާތީވެ އެމަނިކުފާނުގެ ފަރާތްޕުޅުން ވަކީލެއްގެ ގޮތުގައި ނާޒިމް ހަމަޖައްސައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޕީޖީ ޝަމީމް މީގެ ކުރިން ވިދާޅުވީ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާން ބޭނުންވާ ކަމަށެވެ. އެބަޔާން މިހާތަނަށް ނަޝީދު ދެއްވާފައި ނުވިނަމަވެސް އެއީ ވަރަށް މުހިންމު ބަޔާނެއް ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި 10 މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރެއިން 4 މީހަކަށް ބޮޑެތި ޖަލު ހުކުމްތަކެއް އަންނަ ދައުވާތަކެއް ޕީޖީން ވަނީ ކޯޓުގައި އުފުލައިފަ އެވެ.
ދައުވާ އުފުލާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27) އަށެވެ.
މީގެ ތެރެއިން ބޮން ގޮއްވައިލި ރިމޯޓު އޮޕަރޭޓު ކުރި އަދުހަމް ވަނީ ޖިނާއީ އިޖުރާއަތުގެ ދަށުން ލިބޭ ހައްގުގެ ބޭނުންކޮށް ކުށަށް އިއުތިރާފުވެ، ދައުލަތާއިއެކު އެއްބަސްވުމެއް ހަދައިފަ އެވެ. ޖުމްލަ ތިން ދައުވާއެއް އުފުލާފައިވާ އަދުހަމްއަށް 40 އަހަރުގެ ޖަލުހުކުމެއް އަންނާނެކަމަށް ބެލެވުނު ނަމަވެސް އިއުތިރާފު އެއްބަސްވުމުގެ ދަށުން އޭނާއަށް އަންނާނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އަދިވެސް ކުރިއަށް ދާއިރު ޕީޖީ ވިދާޅުވީ ހައްޔަރުކުރި 10 މީހުންނާއި ހިސާބުން މައްސަލަ ނިންމައިނުލާނެ ކަމަށެވެ. ރައީސް ނަޝީދުވެސް ގަބޫލުފުޅު ކުރައްވަނީ އެ 10 މީހުންނާއި ހިސާބުން އެ މައްސަލަ ނުނިމޭނެ ކަމަށެވެ.
ފުލުހުންގެ ތަހުގީގުތަކަށް ބަލައި ބުނެފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާއަށް ބަޔަކު ނުވަތަ މީހަކުު ފަންޑު ކުރިކަމަށް ނުބެލެވޭ ކަމަށެވެ. އެހެންނަމަވެސް އެ ހަމަލާއަކީ ފިކުރީގޮތުން ހުރި ތަފާތުތަކެއްގެ ސަބަބުން ދިން ހަމަލާއެއްކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅެނީ ދީނީ ހަރުކަށި ފިކުރުގެ މީހުންނާ އެވެ.