ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ތަހުގީގަށް އެމަނިކުފާނު ދެއްވި ބަޔާނެއް ލީކުވި މައްސަލަ ބަލައިދޭން އިދިކޮޅު ކޯލިޝަނުން ހުށަހަޅައިފި އެވެ.
ރ. ފުއްގިރި ވިއްކައިލި މައްސަލައިގައި ރައީސް ޔާމީން ފުލުހުންނަށް ދެއްވި ބަޔާނުގައި ހިމެނޭ ގިނަ މައުލޫމާތުތަކެއް އިއްޔެ ވަނީ ސަރުކާރުގެ މަސްލަހަތު އޮންނަ އޮންލައިން ނޫހަކުން ގެނަސްދީފަ އެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޕީ.ޕީއެމް. ގެ ރައީސް، ރައީސް ޔާމީން އާއި ގުޅޭ ގޮތުން 2021 އޯގަސްޓް 4 ވަނަ ދުވަހު "އަދަދު" ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރުގައި ކަންބޮޑުވާ އެތައް ކަމެއް ހުރިކަން ފާހަގަކޮށް އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، އެއީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމާއެކު، ޝަރީއަތަށް ނޫފޫޒު ފޯރުވުމަށް ސަރުކާރު އަޑީގައި އޮވެގެން ހިންގާފައިވާ ކަމެއްގެ ގޮތުގައި ކޯލިޝުން ދެކޭ ކަމަށެވެ.
އިއްޔެ ގެނަސްދިން ރިޕޯޓުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންގެ ފަރާތްޕުޅުން ކޯޓުގައި ދައްކަވާފައިވާ ވާހަކަތަކެއްގެ އިތުރުން، ތަހުގީގީ އިދާރާއަކަށް ދެއްވާފައިވާ ކަމަށް ބުނާ ސައްހަކަން ކަށަވަރު ނުވާ އެތައް މައުލޫމާތެއް ހުރިކަމަށް އިދިކޮޅުން ބުންޏެވެ.
އަދި ކޯޓުގައި ހިނގަމުންދާ މިފަދަ މައްސަލައަކާއި ގުޅިގެން ތަހުގީގީ އިދާރާއަކަށް އާންމު ފަރުދަކު ދީފައިވާ މައުލޫމާތުތަކެއް ނޫހެއްގައި ޝާއިއުކޮށް ހެދުމަކީ ޝަރީއަތަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމުގެ އަމަލެއްކަމުގައި ބެލެވޭއިރު، އެފަދަ މައުލޫމާތެއްގެ ތެދު ދޮގު ސާފު ކުރުމެއް ނެތި ޝާއިއުކުރި ފަރާތުން އެކުރަނީ ޖިނާއީ ކުށެއް ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ މިމައްސަލަ ބަލައިދިނުމަށް އެދިފަ އެވެ. އަދި އެ ހަބަރު ލިޔެފައިވާ ފަރާތަށާއި އެ ނޫހުގެ އެޑިޓަރު އަދި މަސްއޫލުވެރިންނާއިމެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް އިދިކޮޅުން ވަނީ ގޮވާލައިފަ އެވެ. މީގެ އިތުރުން ތަހުގީގީ ބަޔާނުގައި ހުރި ވާހަކަތަކެއް ކަމަށްބުނެ "އަދަދު" ނޫހުން ގެނަސްދިން ވާހަކަތައް އެނޫހަށް ލިބުނު ގޮތެއް ހޯދުމަށާއި އެކަން ކުރި ބަޔަކާއިމެދު ފިޔަވަޅު އެޅުމަށްވެސް އިދިކޮޅުން ވަނީ ގޮވާލައިފަ އެވެ.