ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގް ދައުވާ އުފުލައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތްތަކާ ރިޒާގެ އާރްއައިއެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުވެ، އެ މަސައްކަތް ކުރުމަށް މީހުން ޓްރެފިކްކޮށް ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އަދި ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރީން ރާއްޖޭގެ ރަށްތަކުން ހޯދައި އެ ބިދޭސީން އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ޤާނޫނާ ޚިލާފަށް މަޖުބޫރު ކުރުވުމެއް ކުރިމަތިކުރުވައިގެން ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރީންނަށް މުސާރައާއި އުޖޫރަ ނުދީ ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.
އޭގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި، ވަޒީފާއިން ވަކިކޮށް، ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމިތިބުމަށް ބިދޭސީންނަށް މަޖުބޫރުކޮށް، އެފަރާތްތަކުގެ މައްޗަށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތަކެއް ހިންގައި މީހުން ޓްރެފިކްކުރުމަށް މަގުފަހިވާގޮތަށް ޢަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.
ބޮޑުފިނޮޅުގެ މައްސަލައިގަ އިތުރު ދެ މީހެއްގެ މައްޗަށްވެސް ޕީޖީ އޮފީހުން ވަނީ ދައުވާ އުފުލާފައެވެ. އެ މައްސަލައިގައި ދެން ދައުވާ އުފުލާފައިވަނީ ނ. މާފަރު، ބްލާސަމްގެ، ހަސަން އުމަރާއި ށ. މިލަންދޫ، ރެޑްރޯސް، ނަސްރުﷲ އުސްމާންގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ މީހުން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަދަބަކީ ހަތް އަހަރުގެ ޖަލު ހުކުމެކެވެ.