ރަސްމީ ދަތުރުފުޅެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޔޫއޭއީއަށް ވަޑައިގެންފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އަމީރުގެ މި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ.
ޔޫއޭއިއަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ އިންވެސްޓަރުންނާއި މާލީ އިދާރާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން މިދަތުރުފުޅުގައި މެދުއިރުމަތީގެ އިންވެސްޓަރުންނާ ބައްދަލުކުރައްވައި، ރާއްޖޭގައި އިންވެސްޓް ކުރެވެން ހުރި ދާއިރާތައް އޮޅުންފިލުއްވައިދީ އިންވެސްޓަރުންގެ އިތުބާރު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ސަރުކާރުން ގެންދަނީ ރާއްޖެއަށް ލިބިފައިވާ އިގްތިސޯދީ އަނދަވަޅުން އަރައިގަތުމަށް ބޭރުގެ އެހީތެރިކަން ހޯދަމުންނެވެ. ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދަށް އެންމެ ބޮޑު އަސަރެއް ކުރި އެއް ގައުމަކީ ރާއްޖެ އެވެ.