މާލޭ ސިޓީގެ ކޮންމެ ބްލޮކަކަށް ވެރިޔަކު އިންތިހާބު ކޮށްގެން ތަރައްގީގެ ކަންކަން ކުރިއަށް ގެންދިޔުމަށް މާލެ ސިޓީ ކައުންސިލުން ނިންމި ނަމަވެސް، އެ މަގާމުތަކަށް ދައުލަތުން މުސާރަ ނުދޭނެ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭ ސީޓީގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭނާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނާއިއެކު ބައްދަލުވުންތަކެއް ބާއްވަން ފަށައިފަ އެވެ. އެގޮތުން ގަލޮޅުގެ ރައްޔިތުންނާއިއެކު ބައްދަލުކުރުމަށް މިމަހުގެ ފަސް ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޑރ. މުއިއްޒު ވަނީ މާލޭގެ ހުރިހާ ރައްޔިތުން ރަމްޒުވާނެ ގޮތަށް ކޮންމެ ބްލޮކަކަށް ވެރިއަކު އިންތިޚާބުކޮށްގެން ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ހާމަ ކޮށްފަ އެވެ. އަދި އެކަމަށް ހާއްސަ އުސޫލެއްވެސް އެކުލަވާލާފައިވާކަމަށް މުއިއްޒު ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން މުއިއްޒު މިއަދު ވިދާޅުވީ ބްލޮކުވެރިންނަކީ މުސާރަ ލިބޭ މަގާމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެއީ ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތް ދިނުމަށްޓަކައި ބްލޮކުގެ ރައްޔިތުން ހޮވާ އެ ބްލޮކުގައި ދިރިއުޅޭ ފަރާތެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"(ބްލޮކުވެރިންނަކީ) ކައުންސިލަރާއި މޭޔަރަށް ބްލޮކުގެ ގޭގޭގެ ފަރާތުން އެންމެ ފަހުގެ މައުލޫމާތު އަވަސްކޮށް ހިއްސާކުރުންފަދަ ކަންކަން ކުރާނޭ ފަރާތެއް"
- މޭޔަރު ޑރ. މުހައްމަދު މުއިއްޒު
މާލެ ސިޓީގެ ބްލޮކުތަކަށް ވެރިން ހިއްސާ ކުރާނީ ބްލޮޮކުތަކުގައި ދިިރިއުޅޭ ފަރާތްތަކުންނެވެ. މިއާއެކު ކޮންމެ އަވަށަކަށް ބޯޑެއްވެސް އިންތިހާބު ކުރަން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ. އެހެންނަމަވެސް މި މަސައްކަތް ކުރާނީ ބްލޮކުވެރިން އިންތިހާބު ކުރުމަށްފަހު އެވެ.
މާލެ ސިޓީ ކައުންސިލުން އަންނަނީ ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތުގައި މާލެ ސިޓީގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާއި ގުޅޭގޮތުން ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ބައްދަލުވުންތަކެއް ބާއްވަމުންނެވެ. އެގޮތުން ދެން އެންމެ އަވަހަށް އޮންނާނީ ވިލިމާލޭގެ ބައްދަލުވުމެވެ އެއީ މިމާދަމާ ރެ އެވެ.
މައްޗަންގޮޅީގެ ބައްދަލުވުން އޮންނާނީ 10 ވަނަ ދުވަހުގެރޭ 8:30 ގައި މާފަންނު ސްޓޭޑިއަމްގެ ޓާފް ދަނޑުގައެވެ. މާފަންނު ބައްދަލުވުން އޮންނާނީ 12 ވަނަ ދުވަހުގެރޭ 8:30 ގައި ރަސްފަންނު ސަރަހައްދުގައެވެ. ހެންވޭރު ބައްދަލުވުން އޮންނާނީ 14 ވަނަ ދުވަހުގެރޭ 8:30 ގައި ލޮނުޒިޔާރަތް ޕާކްގައެވެ. ހުޅުމާލޭ ބައްދަލުވުން އޮންނާނީ 22 ވަނަ ދުވަހުގެރޭ 8:30 ގައެވެ.