ސްކޫލުތަކުގެ ދަރިވަރުން ކޮވިޑް-19 ދިފާއު ވެކްސިން ޖަހަން ތައްޔާރުވާން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.
އެ މިނިސްޓްރީން ބުނީ ވެކްސިން ޕްރޮގުރާމު ސްކޫލުތަކުގައި ފަށަން ތައްޔާރުވަމުން ދާކަމަށެވެ. އެގޮތުން ދަރިވަރުންގެ މައުލޫމާތު ހިމެނޭ ރެކޯޑެއްވެސް މިހާރު ތައްޔާރުކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ސްކޫލުތަކުގައި ވެކްސިން ޕްރޮގުރާމު ނުފެށި ލަސްވަނީ ވެކްސިން ނުލިބޭތީ އެވެ. އެހެންކަމުން ވެކްސިން ލިބުނުހާ އަވަހަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ގުޅިގެން އެޑިއުކޭޝަނުން ޕްރޮގުރާމް ފަށާނެ އެވެ.
ކޮވިޑް ދިފާއު ވެކްސިން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށްވެސް ދޭން ސަރުކާރުން ނިންމާފައިވީނަމަވެސް ދޭނީ ފައިޒާ ވެކްސިނެވެ. އެ ވެކްސިންގެ މަދު ޑޯޒްއެއް ރާއްޖޭގައި މިހާރު ހުރިއިރު ސަރުކާރުން ބުނީ އިތުރު ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
ވެކްސިން ޖެހުމަށް އެޑިއުކޭޝަނުން ބާރު އެޅިނަމަވެސް ވެކްސިން ޖެހުން މަޖުބޫރު ކުރުވާނެކަން އަދި މުޅިން ކަށަވަރެއް ނުވެ އެވެ. އެކަމާއި ގުޅިގެން އެޑިއުކޭޝަނުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ސްކޫލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮވިޑް ދިފާއު ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގުރާމެއް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ފަށައިފަ އެވެ. ވެކްސިން ފުރިހަމަ ނުކުރާ މީހުން ސްކޫލަށް ވަނުން އެޑިއުކޭޝަނުން ވަނީ މަނާކޮށްފަ އެވެ.