އިއްޔެ ފެށުނު ދިރާސީ އާ އަހަރާއިއެކު އިއްޔެއާއި މިއަދުވެސް ހދ. ހިރިމަރަދޫ ސްކޫލަށް ދަރިވަރަކު ހާޒިރު ނުވުމުން އެޑިއުކޭޝަން މިނިސްޓްރިގެ ޓީމެއް އެރަށަށް ގޮސްފި އެވެ.
ހިރިމަރަދޫ ސްކޫލަށް އެއްވެސް ދަރިވަރަކު ނުފޮނުވަން ނިންމީ އެރަށު ސްކޫލުގައި އުޅޭ މައްސަލަތަކުގެ ސަބަބުން ދަރިވަރުންގެ ބެލެނިވެރިންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެރަށު ސްކޫލުގެ ކަންކަން ބެލުމަށާއި ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަންނަން މިނިސްޓްރީގެ ޓީމެއް މިއަދު އެރަށަށް ގޮސްފައިވާ ކަަމަށެވެ.
ދިރާސީ އާ އަހަރު ފެށުނުއިރު ހިރިމަރަދޫގައި ސްކޫލު ދަރިވަރުންނަށް ޓައިމް ޓޭބަލެއްވެސް ހެދިފައެއް ނުވެ އެވެ. އެރަށުގައި ތިބި ބިދޭސީ ޓީޗަރުން ސްކޫލުގެ ކަންކަމަށް ބޮޑު އިސްކަމެއް ނުދޭތީ އެކަމުގެ ޝަކުވާވެސް ބެލެނިވެރިން އަންނަނީ އުފުލަމުންނެވެ.
މީގެ އިތުރުން ރަށު ސްކޫލުގައި ހުރި އިންޑިއާ ޕްރިންސިޕަލްގެ ބަދަލުގައި ދިވެހި ޕްރިންސިޕަލަކު ހަމަޖައްސަންވެސް ބެލެނިވެރިން އަންނަނީ އެދެމުންނެވެ. ވޭތުވެދިޔަ 9 އަހަރެއްހާ ދުވަހުގެ ތެރޭގައި ހިރިމަރަދޫ ސްކޫލުގައި ހުރި އެއްވެސް މައްސަލައަކަށް ހައްލެއް ހޯދިފައެއް ނުވެ އެވެ.
ސްކޫލު ހުންނަ އިމާރާތް ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު މަރާމާތު ކުރުމާއި އާބާތުރަ ފިލުވުމަށްވެސް އެއްވެސް ކަމެއް ކޮށްފައިނުވާކަމަށް ބެލެނިވެރިން ބުނެ އެވެ. ސްކޫލު ދަރިވަރުންނަށް މި އަހަރު ފޯރުކޮށްދިނީވެސް ކުރިން ބޭނުންކޮށްފައި ހުރި ފޮތްތައް ކަމަށްވެސް އެމީހުން ބުނެ އެވެ.