ރާއްޖެއިން ބޭރުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ދެ މަސްދުވަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ސުޕްރީމް ކޯޓުން އަލީ ވަހީދު ދެ މަސްދުވަހަށް ޖަލަށް ލާން މިއަދު ހުކުމް ކުރީ ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގަ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ތާވަލްކޮށްފައި ވަނީ އަލީގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ މައްސަލަ އެވެ. އެ މައްސަލަ ފަށާ ޝަރީއަތް ތާވަލްކޮށްފައި ވަނީ މިއަދު 1:00 އަށެވެ.
ދައުލަތުން އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ގޯނާއާއި ރޭޕް ގެ ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެހެންނަމަވެސް ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ދައުލަތުން ވަނީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
މައްސަލައިގެ އަޑު އެހުމަށް ހާޒިރުވުމަށް އަލީ ވަހީދަށް އީމެއިލް މެދުވެރިކޮށް ނޯޓިސް ފޮނުވި ނަމަވެސް މިއަދުގެ ޝަރީއަތަށް އަލީ ވަހީދު ހާޒިރެއް ނުވެ އެވެ.
ސުޕްރީމް ކޯޓުން ވަނީ އަލީ ވަހީދުގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށްފައެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގައި، ކޯޓުތަކުން އަލީ ވަހީދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ނުވާނެ ކަމަށެވެ. އަދި ޝަރުއީ ނިޒާމަކީ ރައްޔިތުން އިތުބާރު ކުރާ އަދި އެންމެންގެ މައްޗަށް ހަމަހަމަ ނިޒާމެއްކަން ކަށަވަރު ކުރުމަށް އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖެހޭ ކަަމަށެވެ.
އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ އުފުލައި ޝަރީއަތް ފެށުމާއިއެކު އޭނާގެ ޕާސްޕޯޓު ހިފެހެއްޓި އެވެ. އެހެންނަމަވެސް ޕާސްޕޯޓު ދޫކޮށްލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިފަ އެވެ.
އަލީ ވަހީދު ފުރުވައިލީ ދައުލަތުން ގުޅިގެންކަމަށް ތުހުމަތު ކުރެވޭއިރު އޭނާ ވީތަނެއް ނޭނގޭކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި އަލީ ވަހީދު އެގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށްވެސް ދިޔަކަމަށް ވަނީ އަޑު ފެތުރިފަ އެވެ.