މާލެ އަތޮޅުގައި އޮންނަ ކުޑަގިރި ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި ތަރައްގީ ކުރަން އެމްޓީސީސީއާއި މިއަދު ހަވާލުކޮށްފި އެވެ.
ކުޑަގިރީގައި ޕިކްނިކް އައިލޭންޑެއް ތަރައްގީ ކުރަން އެމްޓީސީސީއާއި ހަވާލު ކުރީ 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 41.4 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.
ޕްލޭނިންގް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓިސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.
150 ދުވަހަށް މަސައްކަތް ނިންމަން ހަވާލުކުރި ނަމަވެސް އާޒިމް ވިދާޅުވީ ހަމަސް ނުވަތަ އަށް މަސް ދުވަހަށް މަސައްކަތް ދިގުދެމިގެން ހިނގައިދާނެ ކަަމަށެވެ. އެހެންނަމަވެސް އެއަށްވުރެއް އަވަހަށް މަސައްކަތް ނިންމަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން އެރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފަ އެވެ. އަދި 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އެޅުން ހިމެނެ އެވެ. ބިން ހިއްކުމުގެ ކުރިން އެކަމަށް އާންމުންގެ ހިޔާލު ހޯދަން މިހާރު ވަނީ ހުޅުވާލައިފަ އެވެ.
މި ޕްރޮޖެކްޓުގެ ދަށުން ޕިކްނިކް އައިލޭންޑުގެ އިތުރުން އެރަށް ކައިރިން ފިނޮޅެއްވެސް ހަދާނެ އެވެ. އެއީ 1.5 ހެކްޓަރުގެ ރަށެކެވެ.
ބިން ހިއްކަން ބޭނުންވާ ވެލި ނަގާނީ މާލެ އަތޮޅުގެ އެތެރެވަރިންނެވެ. އެމްޓީސީސީން ބުނީ މި ޕްރޮޖެކްޓަށް 250،000 ކޮލިމީޓަރުގެ ވެލި ބޭނުންވާނެ ކަމަށެވެ. މިހާރުވެސް ގިނަ ޕްރޮޖެކްޓުތަަކަށް މާލެ އަތޮޅުގެ އެތެރެވަރިން ދަނީ ވެލި ނަގަމުންނެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދާން ރަށެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މިމަސައްކަތް ނުފެށި ލަސްވެގެން ދިޔައީ ކޮވިޑް-19 ގެ ސަބަބުންނެވެ.