ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައިގައި އަވަހަށް ގޮތެއް ނިންމަން ސަރުކާރުން އެދޭކަމަށާއި އެހެންނަމަވެސް އެކަމާއި ނުބެހޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.
މަބުރޫކު މިފަދައިން ވިދާޅުވީ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަ އެވެ. މަބުރޫކު މިފަދައިން ވިދާޅުވިއިރު މަހުލޫފުގެ މައްސަލައިގައި ޕީޖީ އޮފީހަށް ގޮތެއް ނުނިންމި އޮންނަތާ މިވަނީ ތިން މަސްދުވަސް ވެފަ އެވެ. މި މުއްދަތުގައި އޭނާ ހުންނަވަނީ ސަސްޕެންޝަންގަ އެވެ. ސަސްޕެންޝަންގައި ހުންނަވައި މުސާރަ ނަންނަވާ މިއީ ތިންވަނަ މަހެވެ.
މަހުލޫފު މައްސަލައާއި ސަރުކާރުން ނުބެހޭނެކަމަށް މަބުރޫކު ވިދާޅުވިނަމަވެސް ގާނޫނާއި ހިލާފަށް އެސެޓް ރިކަވަރީ ކޮމިޝަނުން މިމައްސަލައިގައި އަމަލުކޮށްފައިވާކަމަށް ބުނެ ފޮރިން މިނިސްޓްރީން ކޮމިޝަނަށް ވަނީ އަންގައިފަ އެވެ. އެކަން ކުރީ ރައީސް އޮފީހުގެ އެންގުމުގެ މަތިންނެވެ. ފޮރިން މިނިސްޓްރީން ބުނީ މަހްލޫފްގެ މައްސަލާގައި ލަންކާ ރައްޔިތެއްގެ ހެކިބަސް ނަގަން އެސެޓް ރިކަވަރީ ކޮމިޝަނުން ލަންކާގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ހިލާފަށް ކަމަށެވެ.
މިމައްސަލައިގައި މަހުލުފުވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ސީދާ ގުޅައިގެން ލަންކާ ރައްޔިތަކާ ސީދާ އެމްބެސެޑަރު އެތައް ފަހަރަކު ފޯނުކޮށް ވަކީލެއްގެ ފުރުސަތުވެސް ނުދީ އޭނަ ލައްވާ އެންބެސެޑަރު ބޭނުންވާ ގޮތަށް ހެކިބަސް ނަގާފައިވާ ކަމަށެވެ.
މަބުރޫކު ވިދާޅުވީ ލަންކާ މީހާގެ ހެކިބަސް ނެގީ އިޖުރާއަތްތަކާއި އެއްގޮތަށްތޯ ބެލުމަށް ފޮރިން މިނިސްޓްރީއަށް ރައީސް އޮފީހުން އެންގި ކަމަށެވެ. އެހެންނަމަވެސް އެހިސާބުން އެމައްސަލައިގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށް މަބުރޫކު ވިދާޅުވި އެވެ.
"މައްސަލަ އަވަސް ކުރަން ކަމަށް ވިޔަސް އަދި ވަކި ގޮތަކަށް ނިންމަން ކަމަށް ވިޔަސް ސަރުކާރަކުން ނުބެހޭނެ. އެކަމަކު އަޅުގަނޑުމެން އެދެނީ ޕްރޮސެކިއުޓާ ޖެނެރެލްގެ އޮފީހުން ވީހާވެސް އަވަހަށް މައްސަލަ ނިންމައިދިނުމަށް"
- މުހައްމަދު މަބުރޫކު އަޒީޒު
މަހުލޫފުގެ މައްސަލައާއިމެދު ވަކި ގޮތެއް ނިމެންދެން އޭނާ ހުންނަވާނީ ސަސްޕެންޝަންގައިކަމަށް މަބުރޫކު މިއަދުވެސް ވިދާޅުވި އެވެ.
މަހުލޫފު މީގެ ކުރިން ވިދާޅުވީ ދައުވާ ކުރަން ޕީޖީ އޮފީހުން ފޮނުވާ ހިސާބުން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އެހެންނަމަވެސް ފަހުން މައްސަލައިގައި ވަކި ގޮތެއް ނުނިމި ދިގުދެމިގެން ދިޔުމާއިއެކު މަހުލޫފު ވިދާޅުވީ އޭނާގެ މައްސަލައިގައި ޕީޖީން ތަފާތު ކުރުންތަކެއް ގެންގުޅޭކަން ފާހަގަކުރެވޭކަމަށާއި އެހެންކަމުން މިކަން ވަރަށް ބޮޑަށް ސިޔާސީ ކޮށްފައިވާކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މިހާރު ކަން ހިނގާ ދިޔަ ގޮތުން ދައުވާ ކުރިޔަސް އިސްތިއުފާ ނުދެއްވާނެ ކަމަށާއި ރައީސް ސޯލިހު އޭނާ މަގާމުން ވަކި ކުރައްވަންދެން މަގާމުގައި ދެމިހުންނަވާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.